ދަނގެތިން މަރާލާފައިވާ ވިޔަފާރިވެރިޔާ މަހުމޫދު--

މަހުމޫދުގެ މަރު: ތަހުޤީގަށް ފުލުހުންގެ ހާއްސަ ޓީމެއް ދަނގެޗަށް

އދ. ދަނގެތީގައި މީހަކު މަރާލުމަށްފަހު ގޯންޏަކަށް ލާ ވަޅަކަށް އެއްލާލައިފައި އޮއްވާ ފެނުނު މީހާގެ މަރުގެ ތަހުޤީގު ކުރުމަށް ފުލުހުންގެ ހާއްސަ ތަހުޤީގީ ޓީމަށް ދަގެނޗަށް ގޮސްފިއެވެ.

މަރާލުމަށްފަހު ބޮލަށާއި ދެ ފަޔަށް ގޯންޏެއް މެހުމަށްފަހު ވަޅަކަށް އެއްލާލައިފައި އޮއްވާ ފެނިފައިވަނީ އދ. ދަނގެތީ މޮނަލާޒުގޭ، މަހުމޫދު އަބޫބަކުރު، 57 އެވެ.

ފުލުހުން ވިދާޅުވީ، މިއަދު ދަނގެތީގައި ގޯންޏަކަށްލައި އެއްލާލާފައި އޮތް 57 އަހަރުގެ ފިރިހެނަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމީހާ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

މަހުމޫދުގެ އާއިލާއިން ރެއިން ފެށިގެން އޭނާ ގެއްލިގެން އައީ ހޯދަމުންނެވ އޭނާ ފެނުނީ ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށެވެ.

މަހުމޫދުގެ ހަށިގަނޑު ވައްޓާލާފައި އޮތް ވަޅު- (ފޮޓޯ/އިސާމް އާދަމް)

ފުލުހުން މިރޭ ބުނީ، ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓެމެންޓްގެ ހާއްސަ ތަހުޤީގީ ޓީމަށް މަހުމޫދުގެ މަރު ތަހުޤީގުކުރުމަށް މިރޭ އދ. ދަނގެއްޗަށް ގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ބަލަމުންގެންދާނީ ހާއްސަ އިސްކަމެއް ދީގެންކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް މިކަމުގައި ޝާމިލްވެފައި ވަނީ ކިހާމިންވަރަކަށްތޯ ބަލާ ވަރަށް ފަރުވާތެރިކަމާއެކު މި މައްސަލަ ތަހުޤީގުކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

މަހުމޫދަކީ ދަނގެތީގައި ހޮޓަލުގެ ފިޔަވާރިކުރަމުގެ އިތުރުން، ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ގެންގުޅޭ ވިޔަފާރިވެރިއެކެވެ. މި މައްސަލައިގައި މަހުމޫދު މަރާލިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ރަށު ރައްޔިތުން ނުކުމެ ހައްޔަރުކުރަން ފުލުހުންނާއި މިއަދު ހަވާލު ކުރިކަމަށް ދަނގެތި ކައުންސިލުން މައުލޫމާތު ދިނެވެ.

ނަމަވެސް ފުލުހުން ދިން އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި ކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއްނުކުރެއެވެ.

މިލިޔުން ކިޔާލުމުން
7
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ