ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައި، ރައްޔިތުންގެ އެންމެ އިސް އެދުންތައް ގާތުން ދެނެގަތުންކަމަށެވެ.
ދަނގެތީގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. "ސްކޫލުގެ އައު އިމާރާތާއެކު ދަރިވަރުންނަށާއި، މުދައްރިސުން އަދި ބެލެނިވެރިންނަށްވެސް ވަރަށް ބޮޑު ފަސޭހައެއްވެގެންދާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވީ، މިއީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އުމްރާނީ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ މުހިންމު މަޝްރޫޢެއްކަމަށެވެ. އަދި ބަނދަރުގެ މަސައްކަތްވެސް ރައްޔިތުންގެ އެދުމާ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެއިތުރުން، ދަނގެތީގައި ޒަމާނީ ފުޓުބޯޅަ ދަނޑެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ތަރައްޤީކުރައްވާނެކަމަށާއި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އަންނަ އަހަރުގެ މާރޗް މަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ޤާއިމުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ބައްދަލުވުން ނިމުމުގެ ކުރިން ދަނގެތީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.




