އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު ވަޅުލައިފިއެވެ.
މަހުމޫދު މަރާލުމަށްފަހު ބޮލަށާއި ދެ ފަޔަށް ގޯންޏެއް މެހުމަށްފަހު އޭނާ ވަޅަކަށް އެއްލާލައިފައި އޮއްވާ ފެނިފައިވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
މި މައްސަލައިގައި މަހުމޫދު މަރާލިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ރަށު ރައްޔިތުން ނުކުމެ ހައްޔަރުކުރަން ފުލުހުންނާއި އިއްޔެ ވަނީ ހަވާލުކޮށްފައެވެ. އަދި މަހުމޫދު މަރާލިކަމަށް ތުހުމަތުކުރެވޭ ދެ މީހަކަށް އިއްޔެ އެ ރަށުން ހަމަލާދިނުމުން ފުލުހުންގެ ހިމާޔަތާއެކު އެރަށުން އެމީހުން ވަނީ ބާލައިފައެވެ.
ހުމޫދުގެ މަރު ތަހުޤީގުކުރުމަށް ރޭ ވަނީ ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓެމެންޓްގެ ހާއްސަ ތަހުޤީގީ ޓީމަށް ދަނގެއްޗަށް ގޮސްފައެވެެ. އަދި އިތުރު ތަހުގީގު ކުރުމަށް މަހުމޫދުގެ ހަށިގަނޑު މިއަދު ފަތިހު މާލެ ގެނެސް، އައިޖީއެމްއެޗް ހޮސްޕިޓަލުން ޓެސްޓުތަކެއް ހެދުމަށްފަހު މިއަދުގެ މެންދުރުގެ ވަގުތެއްގައި ހަށިގަނޑު އަނބުރާ ދަނގެއްޗަށް ފޮނުވާލިއެވެ.
މަހުމޫދުގެ ހަށިގަނޑު ވަޅުލާފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހުއެވެ. މަހުމޫދުގެ ހަށިގަނޑު ވަޅުލުމުގެ ކުރިން އޭނާގެ މޫނު ބެލުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގޮސްފައެވެ. އަދި ކަށުނަމާދުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މަހުމޫދަކީ ދަނގެތީގައި ހޮޓަލުގެ ފިޔަވާރިކުރަމުގެ އިތުރުން، ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ގެންގުޅޭ ވިޔަފާރިވެރިއެކެވެ.
މި މައްސަލައިގައި ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.



