މަހުމޫދު މަރާލައި ވައްޓާލާފައި އޮތް ވަޅު ކައިރީ ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަހުމޫދުގެ މަރު- ބިދޭސީއަކު ހައްޔަރުކޮށްފި

އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރު މަރުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ބުނީ، މަހުމޫދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފިރިހެން ބިދޭސީ މަސައްކަތްތެރިއަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އދ. ދަނގެތި، މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލުމަށްފަހު ބޮލަށާއި ދެ ފަޔަށް ގޯންޏެއް މެހުމަށްފަހު އޭނާ ވަޅަކަށް އެއްލާލައިފައި އޮއްވާ ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މަހުމޫދުގެ މަރުގެ ތުހުމަތުގައި ފުލުހުން ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން މިއަދު ވަނީ އެރަށުގެ އިތުރު ގެތައް ބަލައި ފާސްކުރަން ފަށައިފިއެވެ. އެގޮތުން މަހުމޫދުގެ ހަށިގަނޑު ފެނުނު ގެއާ ކައިރި ހިސާބުގެ ގެތައް ބަލައިފާސްކޮށްފައިވާއިރު، އޭގެ ތެރޭގައި ބިދޭސީއަކާ ދިވެއްސަކު އުޅޭ ގެއެއް ބަލާ ފާސްކޮށްފައިވެއެވެ. މި ބިދޭސީ މީހާއަކީ އެ ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ދިވެހި މީހާ ބެލުމަށް އެގޭގައި ހުންނަ މީހެކެވެ.

އަދި ގެތަށް ބަލާފާސްކުރަމުންދާއިރު، މިއަދު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް މީގެ ކުރިން ވަނީ މައުލޫމާތު ލިބިފައެވެ.

އަނިޔާވެރި ގޮތަކަށް މަހުމޫދު މަރާލިކަމަށް ދަނގެތި ރައްޔިތުން ތުހުމަތުކޮށްފައިވަނީ އެ ރަށުގައި ދާދިފަހަކުން ދިރިއުޅެން ފެށިކަމަށް ބުނާ އއ. ތޮއްޑޫގެ ދެ ފިރިހެނަކާއި އެއް އަންހެނަކަށެވެ. އޭގެ ތެރެއިން އެ ފިރިހެނެއްގ ބައްޕައަކީ ދަނގެތި މީހެކެވެ. ނަމަވެސް އޭނާ މިހާރު ދުނިޔެއަކު ނެތެވެ. އަދި މި ތިން މީހުން ދިރިއުޅެމުން އައީ ދަނގެތީގައި ހުންނަ އޭނަގެ ގޭގައެވެ.

ދަނގެތި ރައްޔިތުން މި މީހުންނަށް ތުހުމަތު ކުރާއިރު، އިއްޔެ ރަށު ރައްޔިތުން ނިކުމެ ވަނީ މި ތިން މީހުން ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި ފުލުހުން މި މީހުންނަށް ހިމާޔަތް ދީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ނަމަވެސް ފުލުހުން މި މީޙުން ހައްޔަރުކުރީ ފުލުހުން ބަލާ އެހެން މައްސަލައެއްގައެވެ. ފުލުހުން އިއްޔެ އާއި ހަމައަށްވެސް ބުނެފައިވަނީ މަހުމޫދުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

********

މަހުމޫދުގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މަހުމޫދު މަރާލައިފައި އޮއްވާ ފެނުނު ދުވަހުގެ ރޭ (13 އޮކްޓޯބަރު 2021)، މަހުމޫދު ހުރީ އޭނަގެ އަންހެނުންނާއެކު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބަލާށެވެ. އަދި މަހުމޫދު ބޭރަށް ނުކުމެގެން ދިޔައީ ފޯނެއް އައުމުން ކަމަށް އޭނަގެ އަންހެނުން ވަނީ ބުނެފައެވެ.

އެއަށްފަހު އެރޭ މަހުމޫދު ގެއަށް އައިސްފައި ނުވާއިރު، އޭނާ ގެއްލިގެން ރަށު ކައުންސިލާއި ރައްޔިތުން ނިކުމެ ހޯދުމުގެ މަސައްކަތް ފަށައިފައިވަނީ، އޭގެ އަނެއްދުވަހު(14 އޮކްޓޯބަރު 2021) ގެ ހެނދުނު 10:00 ހާއިރުއެވެ. އަދި ހޯދަން ނިކުމެ އުޅުނު އަންހެނުންތަކަކަށް މަހުމޫދުގެ ހަށިގަނޑު ފެނިފައިވަނީ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއިން، އެ ދުވަހު މެންދުރު ފަހު 3:15 ހާއިރުއެވެ. މަހުމޫދުގެ ހަށިގަނޑު ފެނިފައިވާ ގެއަކީ އޭނާ އުފަންވީ ގެއެވެ.

މަހުމޫދުގެ ހަށިގަނޑުގެ އެކި ތަންތަނުން ޒަހަމްގެ ނިޝާންތައް ފެންނަން ހުރިއިރު، އެކިތަންތަނަށް ވަޅި ހަރައިފައި ހުއްޓެވެ.

މަހުމޫދުގެ މަރު ތަހުޤީގުކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓެމެންޓްގެ ހާއްސަ ތަހުޤީގީ ޓީމަށް ދަނގެއްޗަށް ގޮސްފައެވެެ. އަދި އިތުރު ތަހުގީގު ކުރުމަށް މަހުމޫދުގެ ހަށިގަނޑު ފަތިހު މާލެ ގެނެސް، އައިޖީއެމްއެޗް ހޮސްޕިޓަލުން ޓެސްޓުތަކެއް ހެދުމަށްފަހު އިއްޔެގެ މެންދުރުގެ ވަގުތެއްގައި ހަށިގަނޑު އަނބުރާ ދަނގެއްޗަށް ފޮނުވާލިއެވެ.

މަހުމޫދުގެ ހަށިގަނޑު ވަޅުލާފައިވަނީ އިއްޔެގެ އަސްރު ނަމާދަށްފަހުއެވެ. މަހުމޫދުގެ ހަށިގަނޑު ވަޅުލުމުގެ ކުރިން  އޭނާގެ މޫނު ބެލުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގޮސްފައެވެ. އަދި ކަށުނަމާދުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މަހުމޫދަކީ ދަނގެތީގައި ހޮޓަލުގެ ފިޔަވާރިކުރަމުގެ އިތުރުން، ގޭހާއި ކާޑުގެ ބާވަތްތައް ސަޕްލައިކޮށްދީ އަދި އޮޑިދޯނިފަހަރު ވެސް ގެންގުޅޭ ވިޔަފާރިވެރިއެކެވެ. މަހުމޫދު ގެ ފުރާނަ ބަޔަކު ގަސްތުގައި ދުއްވާލިއިރު، އޭނަގެ އަތްބަކާއި ފަސް ދަރިން މިއަދު ދުނިޔޭގައި އެބަ ތިއްބެއެވެ.

މިލިޔުން ކިޔާލުމުން
14
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ