ބްރޯޑްކޮމްގެ އެއްވެސް މެންބަރެއްގެ ގޮނޑި ސަލާމަތެއް ކުރެވޭނެކަމަށް ހީކުރުމަކީ ކުށްހީއެއް – ވިސާމް

ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އެއްވެސް މެންބަރެއްގެ ގޮނޑި ސަލާމަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުއް ހީކުރުމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު، މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ބްރޯޑްކޮމްގެ މެންބަރުން އިއްޔެ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުތައް ކުރުމަށްފަހު، ވިސާމް ފޭސްބުކްގައި ލިޔުއްވާފައިވަނީ، ބްރޯޑްކޮމްގައި ތިބީ އެކަމަށް އެއްވެސް ވަރަކަށް ކުފޫ ހަމަވާ ބައެއްނޫންކަން މަޖިލީހުގެ ކޮމެޓީގައި ބޭއްވެވި ބައްދަލުވުމުންވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ.

"މިއަދު ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ ބްރޯޑްކޮމްގައި ތިބީ އެކަމަށް އެއްވެސް ވަރަކަށް ކުފޫ ހަމަނުވާ ބައެއްކަން. ރީތި ގޮތަކީ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސް ކުރުމުގެ ކުރިން އަމިއްލަ އަށް އިސްތިއުފާ ދިނުން. އެއްވެސް މެންބަރަކަށް ގޮނޑި ސަލާމަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުއް ހީއެއް." ވިސާމް ވިދާޅުވިއެވެ.

ބްރޯޑްކޮމްގެ ހުރިހާ މެންބަރުންގެ އިތުބާރުނެތް ކަމަށް މަޖިލީހުން ފާސްކުރާނެ ކަމުގެ އިންޒާރު ވިސާމް ދެއްވިއިރު ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.

އެދެބޭފުޅުން މަގާމުން ވަކިކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްއެވެ. މީކާއީލް އެގޮތައް ހުށަހެޅުއްވީ މެމްބަރުން އެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށްފަހުގަ އެވެ. ޒައިނާ ވަޑައިގެން ނަމަވެސް ސޮފްވާން ކޮމެޓީއަށް ވަޑައެއް ނުގަންނަވައެވެ.

އެ ދެބޭފުޅުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން އަދި ވަކި ގޮތަކަށް ނިންމަވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ