5 ގަޑިއިރު ވަންދެން މަހުމޫދުގެ ހަށިގަނޑު 'ނެދުން' ގޭގައި އޮތް، 30 ތަނަކަށް ހަމަލާދީފައިވޭ!

އދ. ދަނގެތީގައި ގައި އަނިޔާވެރިގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރު ހަށިގަނޑު، އޭނާ މަރާލިކަމަށް އެއްބަސްވެފައިވާ ބިދޭސީ މީހާ، ޝާ އަލޮމް މިއާ (ސާލިމް) ދިރިއުޅުނު ގެ، "ނެދަން" ގޭގައި ފަސް ގަޑިއިރު ވަންދެން ބާއްވައިފައި އޮތް ކަމަށާއި، އަދި ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަނަށް އެކިވަރުގެ އަނިޔާތައް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

މަހުމޫދު މަރާލިކަމަށް އިއުތިރާފުވެފައިވާ ސާލިމްއަކީ އެ ރަށު ނެދުންގޭގައި ދުވަސްވީ މީހެއް ބަލަން ހުންނަ މީހެކެވެ.

މަހުމޫދުގެ މަރުގެ ތަހުގީގުގެ އިތުރު މައުލޫމު ހާމަކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ސާލިމް ހައްޔަރު ކުރުމަށްފަހު ނެދުންގެ ފުލުހުން ބަލާ ފާސްކުރިއިރު،  މަހުމޫދުގެ އަތުގައި އެވަގުތު އޮތް ބައެއް ތަކެތި އަދި މަރާލި އިރު ސާލިމް ލައިގެން ހުރި ބައެއް އަންނައުނުވެސް ފެނިފައިވާ ކަމަށެވެ. އެތަކެތި ވަޅުލައިފައި އޮތީ ނެދަންގެ ތެރޭގައެވެ.

ފުލުހުން ބުނީ، މަހުމޫދު މަރާލި ރޭގެ 09:5 ހާއިރު ސާލިމް މަހުމޫދުގެ ފޯނަށް ގުޅިކަމަށާއި، އަދި މަހުމޫދާއި ބައްދަލުކުރުމަށް ސާލިމް ދިޔަ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ދެމީހުން އެކުގައި ހިނގައިފައި ގޮސް، "ނެދުންގެ" އަށް ވަނީ ދެމީހުން އެކީގައި ކަމަށާއި، އެ ގެއަށް ވަނުމާއެކު ސާލިމް މަހުމޫދަށް ފުރަތަމަ ހަމަލާދިން ކަން ތަހުގީގުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

އަދި ހަމަލާދިނުމަށްފަހު މަހުމޫދުގެ ހަށިގަނޑު ގާތްގަނޑަށް 5 ގަޑިއިރު ވަންދެން "ނެދުން" ގޭގައި އޮތް ކަމަށާއި، އަދި އެ ފަސް ގަޑިއިރު ތެރޭ މަހުމުދުގެ ހަށިގަނޑަށް ތިން ފަހަރެއްގެ މަތިން ހަމަލާ ދިން ފާހަގަކުރެވިފައި ވާކަމަށް ފުލުހުން ބުނެފައިވެ އެވެ

ފުލުހުން ފާހަގަކުރި ގޮތުގައި، މަހުމޫދު މަރާލުމަށް ތިން ހަތިޔާރެއް ބޭނުން ކޮށްގެން ސާލިމް ވަނީ މަހުމޫދަށް އަނިޔާކޮށްފަ އެވެ. އެގޮތުން ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަންތަނަށް ތޫނުއެއްޗެހި ބޭނުންކޮށްގެން ހަމަލާދީފައިވާއިރު، އޭނާ މަރާލައިފައި ވަނީ ގިނަ އަނިޔާތަކެއް ދިނުމަށްފަހު ކަން ތަހުގީގުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާދެމުން ގޮސް މަރުނުވާހެން ހީވީމަވެސް އަނިޔާކުރިކަން ފުލުހުންގެ ތަހުގީގުން ހޯދިފައިވާކަން ފާހަގަކުރި އެވެ.

މީގެ އިތުރުން އެރޭގެ ދަންވަރު ގާތްގަނޑަކަށް 02:00 އާއި 03:00 އާއި ދޭތެރޭ މީހަކު މަގުމަތިން ކޮނޑުމައްޗަށް އެއްޗެއް ލައިގެން ދާ މަންޒަތު ވީޑިއޯ ފޫޓޭޖު ތަކުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ މަހްމޫދުގެ ހަށިގަނޑު ޝާހު އާލަމް ކޮނޑަށް ލައިގެންދާ މަންޒަރު ކަމަށް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނީ، މަހުމޫދު މަރާލުމުގައި ސާލިމް ފިޔަވައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުފެންނަ ކަމަށް ތަހުގީގުން ހޯދިފައިވާ ކަމަށެވެ. އެގޮތުން އެރޭ 02:00 އާއި 03:00 ދޭތެރޭ ޝައްކު ކުރެވޭ އިތުރު އެއްވެސް ކަމެއް ނުހިނގާ ކަމަށް ވީޑިއޯ ފޫޓޭޖުތަކުން އެނގޭ ކަމަށް ފުލުހުން އިތުރަށް ބުންޏެވެ.

ސާލިމް މަހުމޫދު މަރާލިކަމަށް ފުލުހުންގެ ތަހުގީގުގައިވެސް އެއްބަސްވެ، ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. އަދި ތަހުގީގުން އެނގޭ ގޮތުގައި، މަހުމޫދު މަރާލުމުގައި ހަރަކާތްތެރިވީ ސާލިމް އެކަނި ކަމަށާއި، އިތުރު ބަޔަކު މިކަމުގައި ބައިވެރިވި ކަމުގެ ޕޮސިބިލިޓީ ވަރަށް ކުޑަކަމަށް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނީ މަހްމޫދު އަބޫބަކުރު މަރާލި ކަމަށް ތަހުގީގު އާއި ކޯޓުގައި އިއުތިރާފުވެފައިވާތީ, އޭނާގެ މައްޗަށް ދައުވާ ކުރުމަށް އަންނަ ހަފުތާ ތެރޭ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ

މަހުމޫދަށް ދީފައިވާ ހަމަލާތަކުގެ ތަފްސީލު ދެމުން ފުލުހުން ބުނީ، ތަހުގީގުން އެނގޭ ގޮތުން ސާލިމް މަހުމޫދު މަރާލައިފައި ވަނީ ފައިސާގެ ދަހިވެތި ކަމުގަ އެވެ.  އަދި އެ ރޭ މަހުމޫދަށް ސާލިމް ދިރިއުޅޭ ގެއަށް ދައުވަތު ދިން ސަބަބު ވެސް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކަން ހާމަކުރަން ފުލުހުން ދެކޮޅު ހެދިއެވެ. ފުލުހުން ބުނީ، އެކަމުގެ ތަފްސީލު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ސާލިމް ދިރިއުޅޭ ނެދުންގެ ބަލައި ފާސްކުރިއިރު، މަހްމޫދުގެ ގަޑި އާއި ފައިވާނާއި އޭނާ ގެންގުޅުނު ފައިސާތައް ވެސް ހޯދާފައެވެ. ފުލުހުން ބުނިގޮތުގައި، މަހުމޫދު މަރާލި ރޭ، އެވވަގުތު އޭނާގެ އަތުގައި އޮތީ 500 ރުފިޔާގެ 20 ނޫޓެވެ. އެއީ 10،000 ރުފިޔާއެވެ.

ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި، ސާލިމް މަރާލުމުގެ އިތުރުން، އޭނާ އަކީ އިތުރު ކުށްތައް ކޮށްފައިވާ މީހެއްކަންވެސް ތަހުގީގުން އެނގުނު ކަމަށެވެ. އެގޮތުން ރަށުގައި ހިނގި ވައްކަމުގެ މައްސަލައެއްގައި އޭނާއަށް ތުހުމަތު ކުރެވޭ ކަމަށާއި، އަދި މި މައްސަލަ ދަނގެތި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ދާކަމަށެވެ.

*****

މަހުމޫދުގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މަހުމޫދު މަރާލައިފައި އޮއްވާ ފެނުނު ދުވަހުގެ ރޭ (13 އޮކްޓޯބަރު 2021)، މަހުމޫދު ހުރީ އޭނަގެ އަންހެނުންނާއެކު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބަލާށެވެ. އަދި މަހުމޫދު ބޭރަށް ނުކުމެގެން ދިޔައީ ފޯނެއް އައުމުން ކަމަށް އޭނަގެ އަންހެނުން ވަނީ ބުނެފައެވެ.

އެއަށްފަހު އެރޭ މަހުމޫދު ގެއަށް އައިސްފައި ނުވާއިރު، އޭނާ ގެއްލިގެން ރަށު ކައުންސިލާއި ރައްޔިތުން ނިކުމެ ހޯދުމުގެ މަސައްކަތް ފަށައިފައިވަނީ، އޭގެ އަނެއްދުވަހު(14 އޮކްޓޯބަރު 2021) ގެ ހެނދުނު 10:00 ހާއިރުއެވެ. އަދި ހޯދަން ނިކުމެ އުޅުނު އަންހެނުންތަކަކަށް މަހުމޫދުގެ ހަށިގަނޑު ފެނިފައިވަނީ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއިން، އެ ދުވަހު މެންދުރު ފަހު 3:15 ހާއިރުއެވެ. މަހުމޫދުގެ ހަށިގަނޑު ފެނިފައިވާ ގެއަކީ އޭނާ އުފަންވީ ގެއެވެ.

މަހުމޫދު މަރާލިކަމަށް ދަނގެތީ ބައެއް ރައްޔިތުން އެންމެ ފުރަތަމަ ތުހުމަތުކުރީ އެ ރަށުގައި ދާދިފަހަކުން ދިރިއުޅެން ފެށިކަމަށް ބުނާ އއ. ތޮއްޑޫގެ ދެ ފިރިހެނަކާއި އެއް އަންހެނަކަށެވެ. އޭގެ ތެރެއިން އެ ފިރިހެނެއްގ ބައްޕައަކީ ދަނގެތި މީހެކެވެ. ނަމަވެސް އޭނާ މިހާރު ދުނިޔެއަކު ނެތެވެ. އަދި މި ތިން މީހުން ދިރިއުޅެމުން އައީ ދަނގެތީގައި ހުންނަ އޭނަގެ ގޭގައެވެ. ދަނގެތި ރައްޔިތުން މި މީހުންނަށް ތުހުމަތުކުރި އިރު،  ރަށު ރައްޔިތުން ނިކުމެ ވަނީ މި ތިން މީހުން ފުލުހުންނާ ހަވާލުކޮށްފައެވެ.

ނަމަވެސް މިއަދު ފުލުހުން ބުނީ، އެމީހުންނަށް ތުހުމަތު ކުރުމަކީ ގޯހެއް ކަމަށެވެ. އަދި ދި އެ މީހުންނަށް ޖިސްމާނީ ގޮތުން އެތައް އަނިޔާއެއް ދިނުމުގެ އިތުރުން، އެ މީހުންގެ މުދަލަށް ވެސް އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ގެއްލުން ދީފައިވާ ކަމަށް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނީ،  އެ ގޮތަށް ބަޔަކަށް ތުހުމަތު ކުރުމަކީ ފުލުހުންގެ ތަހުގީގަށް ހުރަސްއެޅި، ފޮރެންސިކް ހެކި ގެއްލި ފޯކަސް ގެއްލިދާނެ ކަމެއް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ޖަޒުބާތުގައި ޖެހިގެން ބޮޑެތި ތުހުމަތުތައް މީހުންނަށް ނުކުރުމަށް ފުލުހުން އިލްތިމާސްކުރި އެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
311111

ހިޔާލު

  1. ސިވާސް

    މެޗްބަލަން ހުރެފަ ނެދުންގޭގަ އެކަނި އުޅޭ ބިދޭސީއަކު ގުޅާއިރަށް މަހުމޫދު އެގަޑީގަ އެގެޔަށް ދިއައީ ކީއްވެބާ؟ ބިދޭސީ މީހާ ގުޅީ ފައިސާ ހޯދަން ކަމަށް ވަނީނަމަ ކީއްވެ އޭނަ މަހުމޫދު ހުރިތަނަށް ނެގެނައީ؟ ތަސްވީރުން ބުނެދެނީ ބިދެސީ މީހާ ކައިރިޔަށް އެއްޗެއް ބެނުން ވެގެން މަހުމޫދު ދިޔަކަން. އެހެނީ އާންމު އުސޫލުންބަލާއިރު އަބަދުވެސް ކަމަކަށް ބޭނުންވެފައި ހުންނަމީހާ ، އެނެކާގެ ކައިރިޔަށް މިދަނީ.

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް