ރޭ ބޭއްވި ރިވެލި އެވޯޑްގެ ތެރެއިން --

މާއިޒުގެ އިހުސާސްތައް: މިފަދަ ގޮނޑިއެއްގައި އިންނަން ޖެހުމުން ރޮވޭނެ، އަސަރުކުރާނެ!

ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ "ރިވެލި އެވޯޑް" ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖެއް ކަމަށްވާ، 18 އަހަރުގެ މުހައްމަދު މާއިޒް ކިޔައިދިން އަސަރުގަދަ ވާހަކަތަކުން އެންމެންގެ ހިތް ރޮއްވާލައިފިއެވެ.  މާއިޒުފަދަ ނުކުޅެދުންތެރިކަން ހުންނަ އެތައް ކުދިންނެއްގެ ހައްޤުގުގައި ވާހަކަ ދައްކަމުން މާއިޒުވަނީ، އެފަދަ މީހުންގެ އިހްސާސްތައް ބަންޑުންކޮށްލައިފައެވެ.

ހއ. އިހަވަންދޫ ސްކޫލުގެ ޑައިމަންޑް ކުލާހުގައި ތައުލީމު ހާސިލުކުރަމުންދާ މާއިޒަކީ އުފަންވީއިރު ވެސް ހިނގާ ބިނގާވުމުން މަހުރޫމުވެފައިވާ ދަރިވަރެކެވެ. ނަމަވެސް ވާހަކަ ދެއްކުންތެރިކަމަށް މޮޅު، މާއިޒަކީ މޮޅު ދަރިވަރެކެވެ.

ތައުލީމީ ދާއިރާއިން ރޭ މާއިޒު ވަނީ ރިވެލި އެވޯޑް ހާސިލުކޮށްފަ އެވެ. އަދި ހިނގާ ބިގާވެ ނޫޅެވޭތީވެ ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުމުން ކުރެވޭ އިހްސާސްތައް މާއިޒް ރޭ ވަނީ އެންމެންނާ ހިއްސާކޮށްފައެވެ.

މާއިޒުގެ ސްޕީޗް ފަށަމުން އޭނާ ބުނީ، ރެއަކީ އޭނަގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި ރޭ ކަމަށެވެ.ފުރަތަމަ ފަހަރަށް އޭނާއަށް މިފަދަ ޝަރަފުވެރި އެވޯޑެއް ލިބުމުން މާއިޒު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއަށް ޝުކުރު ދަންނަވާފައެވެ.

މާއިޒު ބުނީ، ލޯއްބާއި އޯގާތެރިކަން ކޮންމެ އިންސާނަކަށްވެސް ބޭނުންވާނެ އެއްޗެއް ކަމަށެވެ. އަދި ލޯތްބާ އޯގާތެރިކަމާ ނުލާ ނޫޅެވޭނެ ކަމަށާއި، އަދި ހާއްސަކޮށް އެހެންމީހުންނަށްވުރެ ބޮޑަށް މާއިޒު ފަދަ ކުދިންނަށް ލޯއްބާއި، އިހްތިރާމާއި އަޅާލުން ބޭނުންވާ ކަމަށެވެ.

އެއަށްފަހު މާއިޒު ވަނީ ނުކުޅެދޭ ކުއްޖަކަށް ވުމުން ކުރެވޭ އިހްސާސްތަކާއި އަދި އެ ފަދަ ކުދިންނަށް މުޖުތަމައުގައި ކުރި ދަތިތަކުގެ ވާހަކަތައް ދައްކައިފައެވެ. އެގޮތުން މާއިޒު ފާހަގަކުރި އެއްކަމަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، އެހެން ކުދިންނެކޭ އެއްފަދައިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނުލިބުމެވެ.

ރާއްޖޭގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިން އުމުރުން 18 އަހަރު ވުމަށް ފަހު، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތެއް ނުލިބެއެވެ. އެކަން ފާހަގަކޮށް މާއިޒު ބުނީ، އެހެން ކުދިންނެކޭ އެއްގޮތަށް، ސްކޫލް ނިމުމުން، އިތުރަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.

"އަޅުގަނޑަކީ ސްކޫލަށް ދިޔަ ކުއްޖެއް އެކަމަކު ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެން ކިޔެވުމަށް ހުރީ ދަތި އަދި ހަނި ފުރުސަތުތަކެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މާއިޒް ބުންޏެވެ.

ރޭ ބޭއްވި ރިވެލި އެވޯޑްގެ ތެރެއިން --

މީގެ އިތުރުން މާއިޒު ބުނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މިސްކިތްތަކަށް ގޮސް ނަމާދުކުރާނެ ގޮތެއް ހާއްސަކުރެވިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު ނަމާދު ކުރެވޭނެ ގޮތް ހުންނަން ޖެހޭ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ބޭނުންވާނެ މިސްކިތަށް ގޮސް ނަމާދުކުރަން. އެހެންނަމަވެސް، ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ ދިވެހިރާއްޖޭގެ ވަރަށް މަދު މިސްކިތްތަކެއްގަ ނޫނީ އެފަދަ އިންތިޒާމުތައް އަޅުގަނޑުމެން ފަދަ ކުދިންނަށް ހަމަޖެހިފައި ނެތްކަން." އުއްމީދަކީ މިފަދަ ފުރުސަތެއް އަވަހަށް ލިބުންކަން ފާހަގަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މާއިޒު އަޑުއުފުލި އެވެ.

ނުކުޅެދޫ ކުއްޖަކަށް ވުމުން ކުރެވޭ އިހްސާސްތައް ވަރަށް އަސަރާއި ޖަޒުބާތުގައި ހިއްސާކުރަމުން މާއިޒު ބުނީ، އޭނާއަށް ކުރެވޭ އިހްސާސް އެނގޭނީ އެފަދަ ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހޭ ދުވަހަކުން ކަމަށެވެ.

"ކާކަށްތޯ އެނގެނީ މާދަމާ ކަންވާނެ ގޮތެއް؟ އެކަކަށް ވެސް ނޭނގޭނެ މާދަމާ ކަންވާނެ ގޮތެއް ބުނާކަށް. މާދަމާ ކާކަށްތޯ އެނގެނީ ތިބޭފުޅުންނަށް މިފަދަ ގޮނޑިއެއްގާ އިއްތާލަން ނުޖެހޭނެ ކަމެއް. މި ގޮނޑީގައި އިންނަން ޖެހޭ ދުވަހަކުން އެނގޭނެ ކިހާ ބޮޑު ބުރައެއްކަން މި އުފުލަނީ." މާއިޒުގެ ހިތުގެ ޝުޢޫރުތައް އަސަރާއެކު ހިއްސާކޮށްލިއެވެ. އަދި އެހެން މީހުންނެކޭ އެއްފަދައިން، މާއިޒުފަދަ ކުދިންނަށްވެސް ލޯއްބާއި އޯގާތެރިކަން ބޭނުންވާނެކަން އެދުވަހަކުން އެނގޭނެ ކަމަށް މާއިޒު ބުންޏެވެ.

""އޭރުން ތިބޭފުޅުންނަށް ވެސް ރޮވޭނެ. އަސަރު ކުރާނެ. އިހުސާސް ކުރެވޭނެ. އެކަމަކު އޭރު ހުންނާނީ ވަގުތު ފާއިތުވެފަ،"  ފެންކަޅިވެ އިނދެ މާއިޒު ހިއްސާކުރިއެވެ.

މި ވާހަކަތައް ހިއްސާކޮށް މުޅު މުޖުތަމައުއަށް މާއިޒު ނަސޭހަތްތެރިވީ އެފަދަ ކުދިންނާއި މީހުންނަށް އަޅާލާ ލޯބި ދިނުމަށެވެ. އަދި އެއީ މާތްﷲ އަހަރެމެންނަށް ދެއްވައިފައިވާ ވަރަށް ބޮޑު ފުރުސަތެއްކަން މާއިޒު ފާހަގަކުރި އެވެ.

"މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ މިއަދު ތިޔަ ބޭފުޅުންނަށް މިވަނީ ވަރަށް ބޮޑު ފުރުސަތެއް ދެއްވާފަ. އެއީ އަޅުގަނޑުމެން ފަދަ މީހުންނަށް ޚިދުމަތްކުރުން. މިއަދު މި ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ މާދަމާ ތިޔަ ބޭފުޅުން މިފަދަ ފުރޮޅުލީ ގޮނޑީގައި އިންނަށް ޖެހޭ ދުވަހު ތިޔަ ބޭފުޅުންނަށް މުޖުތަމަޢުގެ އަލައިލުމާއި އޯގާތެރިކަމާއި ލޯބި ލިބޭނެ. އެ ދުވަހުން ފިރުމާނެ އަތްތައް އިތުރުވާނެ." މާއިޒުގެ ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް