ރަށުތެރޭގައި ކޮވިޑް ފެތުރެމުންދާތީވެ، ހެލެތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން މިއަދު އިތުރު 9 ރަށެއް މޮނިޓަރިންގެ ހާލަތަށް ލައިފި އެވެ.
އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދު މަދުވަމުން އައިސް، އަނެއްކާވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ.
އެޗްޕީއޭއިން މިއަދު މޮނިޓަރިންއަށް ލީ ނުވަ ރަށަކީ، ބ. އޭދަފުށި، ހދ. ހަނިމާދޫ، ބ. ދޮންފަން، ނ. ލަންދޫ، ޅ. ހިންނަވަރު، ތ. ވިލުފުށި، ތ. ހިރިލަންދޫ، އަދި ގދ، ރަތަފަންދޫއެވެ. މި ރަށްތަކުގެ ތެރެއިން ބ. ދޮންފަނު މީހަކު މިއަދު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ. އެމީހާ ނިޔާވީ ބ. އޭދަފުށި ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
އެޗްޕީއޭގެ ބަންދުގައި އޮތް ރަށްތަކުގެ ތެރެއިން، އައްޑޫ ސިޓީގެ އަވަށްތައް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އައްޑޫ ސިޓީ މޮނިޓަރިންގައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެދާނެއެވެ. މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯހީވެސް އައްޑޫގައެވެ.
މީގެ އިތުރުން މިދިޔަ އޮކްޓޯބަރު މަހު މޮނިޓަރިން އަށް ލައިފައިވާ، މ. މުލައް، ނ. މިލަންދޫވެސް އަދިވެސް އޮތީ މޮނިޓަރިންގަ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު، މޮނިޓަރިންއަށް ލައިފައިވާ، އދ. މަހިބަދޫ އާއި، ނ. ވެލިދޫ، ވެސް އޮތީ އެޗްޕީއޭގެ ބަންދުގައެވެ. މީގެ އިތުރުން. މި މަހުގެ ފަސް ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ، ދ. ކުޑަހުވަދޫ އާއި، އޭގެ އަނެއްދުވަހު މޮނިޓަރިންއަށް ލައިފައިވާ، އދ. މާމިނގިލީގެ އިތުރުން މި މަހުގެ ދިހަ ވަނަ ދުވަހު މޮނިޓަރިން އަށް ލައިފައިވާ ނ. މާފަރުވެސް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުން ނުނަގައެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 93،064އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 90،861އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،933ގައެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 258 އަށް އަރައިފައެވެ.




