މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓަމުން އަންނަ މާލޭ ޓީޖެޓީއާ ހަވާލުވާން ސިޓީ ކައުންސިލުން އެ ސަރަހައްދަށް ހިނގައްޖެ އެވެ.
ޓީޖެޓީ އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ، 2015ގައި މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެންނެވެ. މިފަހުން މުއިއްޒު ވިދާޅުވީ، ޓީޖެޓީ ހަވާލުކުރަން އެމްޕީއެލްއަށް ދީފައިވާ މުއްދަތު ހަމަވާ ދުވަހު ކައުންސިލުން އެ ތަނާ ހަވާލުވާން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މާލެ ޓީ ޖެޓީ ކައުންސިލާއި ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ 97 ދުވަސް ،18 ޑިސެމްބަރ ގައި ހަމަވެފައިވާތީ ޓީ-ޖެޓީއާއި ސިޓީ ކައުންސިލުން ހަވާލުވުމަށް ޓީ-ޖެޓީ ސަރަހައްދަށް ކައުންސިލުން ގޮސްފައިވާ ކަމަށެވެ.
އެ ސަރަހައްދަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަޑައިގެންފައިވެ އެވެ.
އެމްޕީއެލް އިން މީގެ ކުރިން ބުނީ، އެ ކުންފުންޏާއި ޓީޖެޓީ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ކަމަށެވެ. އަދި އެތަން މި ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާއި އެ މިނިސްޓްރީއަށް ކަމަށް ބުނެފައި ވެއެވެ. އަދި އެ އެމްއޯޔޫގައި މުއްދަތެއް ބަޔާންކޮށްފައި ނެތް ކަމަށްވެސް އެމްޕީއެލް އިން ބުނެފައި ވެއެވެ.



