ކ. މާފުށީ ގައި އަލަށް އިތުރުކުރެވުނު ބިން ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢުގައި އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގައި ރަސްމިއްޔާތު ބާއްވާފައިވަނީ ކ.މާފުށީ ފަޅުގައި އަލަށް ހިއްކައިގެން އުފެއްދި ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލުކުރުމަށް ރޭ ބޭއްވި ހަފްލާގައެވެ.
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ސޯލިޙު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާއި، މާފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ހަސަން ސަލާޙު އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއާއި ޕްލޭނިންގ މިނިސްޓްރީ އަދި އެމްޓީސީސީގެ އިސްވެރިންނާއި، މާފުށީގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ހަވާލުކުރި މި މަޝްރޫޢަކީ 35.41 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން، 80 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ. އަދި 20 މީޓަރު ފުޅާ، 137..64 މީޓަރު ދިގު ބްރިޖެއް ޤާއިމުކުރާނެ އެވެ.
މީގެ އިތުތުން ކޮންކްރީޓް މަސައްކަތް ކުރުމާއި، ޕޭވިންގް މަސައްކަތް ކުރުމާއި، ޑްރެއިނޭޖް މަސައްކަތާއި، މެޓަލް މަސައްކަތާއި، ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.



