އިއްޔެގެ ވަގުތެއްގައި ބޯވަ ނަގަންވެގެން ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިިއަދު ހެނދުނު ބުނީ، ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑު ޑައިވަރުން އަދިވެސް ކުރަމުންދާ ކަމަށާއި، ނަމަވެސް އަދިވެސް އޭނާ ނުފެންނަ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ ހދ. ކުމުންދޫ އަރާއިރު، ޝުރައިހު ހަސަން އެވެ.
އެމްއެންޑީއެފުން ބުނީ، ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ގޮސް އުޅެނިކޮށް 21 އަހަރުގެ މި ޒުވާނާ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ އިއްޔެ 08:58 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ދިން އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އޭނާ ހޯދުމަށް ކޯސްޓު ގާޑުގެ ޑައިވަރުން ޑައިވް ކޮށްގެން 55000 އަކަމީޓަރު މިހާރު ވަނީ ބަލައިފަ އެވެ. އަދި ސްނޯކްލިން ކޮށްގެން 36000 އަކަ މީޓަރު ކޯސްޓު ގާޑުގެ ޑައިވަރުން ވަނީ ބަލައިފައެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދާ ޒުވާނާ އެންމެފަހުން ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ.




