ދިވެހިންގެ ތެރެއިން ބައެއް މީހުން ރާއްޖެއިން ބޭރަށް ޖިހާދަށް ދާންޖެހޭ ސަބަބުތައް ދެނެގަންނަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރަޝިޔާގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިންގް އޮފިޝަލްސް ރެސްޕޮންސިބަލް ފޮ ސެކިއުރިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބައިނަލްއަޤްވާމީ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ދޭދޭ ގައުމުތަކުގެ އިތުރުން ބައިނަލް އަގުވާމީ މުޖުތަމައާ އޮންނަ ގުޅުންތައް ފުޅާކުރަންޖެހޭ ކަމަށާއި، ރާއްޖެއަކީ އަބަދުވެސް އަހުވަންތަ ކަމާއި ލޯބި އިސްކުރާ ގައުމެއް ކަމަށެވެ. ކާބަފައިގެން ނިންމުންތަކާއި ގޮތްތައް އެކަމުގެ ހެއްކަކަށް ފުދޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަޖެހޭ ބޭރު ގައުމުތަކަށް ހަނގުރާމައަށްދާ ސަބަބުތައް ނުވަތަ ޓެރަރިސްޓަކަށްވާ ސަބަބުތައް ދެނެގަންނަން، އަޅުގަނޑުމެން ދެނެގަންނަންޖެހޭ ގައުމުގެ އެންމެ ބަލިކަށި ދިމާ، އަދި ޓެރަރިސްޓުންނަށް މުޖުތަމައުގެ އެންމެ އާދައިގެ މީހާގެ ފައިދާ ނެގޭ ގޮތްތައް ބަލަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރާ ރާއްޖެއަކީ ޓެރަރިސްޓުންނަށް ހިތްވަރުދީ އެފަދަ އަމަލެއްގައި ބައިވެރިވާ ގައުމެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަމެއްގައި ބައިވެރިވާނެ ގައުމެއް ނޫން ކަމަށެވެ.
މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އިތުރަށް ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ ޓެރަރިޒަމާއި ދެކޮޅަށް ޒީރޯ ޓޮލަރެންސް ކަމަށާއި އެކަން ދެމެހެއްޓުމަކީ ޓެރަރިޒަމާއި ގުޅޭ އެޖެންސީތަކުގެ އެންމެ ބޮޑު އަމާޒުކަމަށެވެ.




