ރ.މާމުނަގައު ރިސޯޓްގައި ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ، ރ.މާމުނަގައު ރިސޯޓްގައި ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެން ގޮސް އެ ރިސޯޓްގެ ހުޅަނގުދެކުނަށް އޮޔާދާކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިރޭ 19:15 ހާއިރުއެވެ.
މި ޕްލެޓްފޯމަކީ ދިގުމިނުގައި 20 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓް ހުންނަވަރުގެ ޕްލެޓްފޯމެއްކަމަށް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މި ޕްލެޓްފޯމްގައި ރަތްކުލައިގެ ބައްތިއެއް ހަރުކޮށްފައި ހުންނާނެކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ. އަދި ޚާއްޞަ ގޮތެއްގައި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާޞްކޮށްފައިވެއެވެ.
މިރޭ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ނުވަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ދަންވަރު 2:30 އާއި ހަމައަށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ނެރެފައިވާ މި ހުދު ސަމާލު ގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހުން އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.



