އުރީދޫ ކަލަރ ރަންގެ ޔުޓިލިޓީ ޕާޓްނަރަކަށް ފެނަކަ

ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދާއިން މިހިނގާ ޖޫން މަހުގެ 28 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުންދާ "އުރީދޫ ކަލަރ ރަން އައްޑޫ" ގެ ޔުޓިލިޓީ ޕާޓްނަރަކަށް، ސަރުކާރުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހަމަޖައްސައިފިއެވެ.

އުރީދޫ އިން ވިދާޅުވީ، އައްޑޫގައި ބާއްވާ ކަލަރ ރަންގެ ޔުޓިލިޓީ ޕާޓްނަރަކަށް "ފެނަކަ" ހަމަޖެހުމުން އުފާކުރައްވާ ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އައްޑޫ ހިތަދޫ ބްރާންޗުގައެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ އިވެންޓެކެވެ.

އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ކަލަރ ރަން އައްޑޫގެ ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ކަލަރ ރަން އައްޑޫ ޓީޝާޓް ހިމެނޭ އިރު އަގަކީ 85 ރުފިޔާއެވެ. 150 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ކަލަރ ރަން އައްޑޫ ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ކަރުދާސް ތޮތްޕެއް ހިމެނިފައިވެއެވެ.

ކަލަރ ރަން އައްޑޫ މި މަހުގެ 28 ގައި އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެންނެވެ. މި ދުވުމުގައ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ