ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ޖަމާކޮށްފައި އޮތް ކުނިތަކެއްގައި އަނެއްކާވެސް ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ހިޔާ ފްލެޓްތަކުގެ އުތުރުން އޮންނަ ހުސްބިމުގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯތު ލިބުނީ މިއަދު 11:13 ގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.
މި މަހުގެ 1 ވަނަ ދުވަހުގެ ރޭވެސް ހިޔާ ފްލެޓް ސަރަހައްދުގައި އެއްކޮށްފައި ހުރި ބޮޑު ކުނިފުންޏެއްގައި އަލިފާންރޯވެ ވަރަށް ބޮޑަށް ވަނީ ހުޅުހިފައިފަ އެވެ. އަދި އޭގެ ކުރިންވެސް ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްތައް ކައިރީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފައެވެ. އަދި ފެލެޓުގެ ބޭރަށް ކުނި ޖަމާކޮށް، އެތަކެތި އުކާނުލެވި ގިނަ ދުވަސްވުމުން ކުނިތައް ހަލާކުވެ، ނަޖިސް ވަސް ދުވާ މައްސަލަވެސް އޮތީ ފެންމަތިވެފަ އެވެ.
ނަމަވެސް އެޗްޑީސީން ވަނީ 17 އޮގަސްޓް 2021ން ފެށިގެން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައިވާ ފުލެޓުގައި ދިރި އުޅެމުންދާ ފަރާތްތަކާއި އަދި ފުލެޓުތަކުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި ނެގުމުގެ އިންތިޒާމްތައް ހަމަޖައްސައިދީފަ އެވެ. އަދި ހިޔާ ފްލެޓްތަކުގައި އުފެދޭ ކުނިތައް އުކާލަން އެޗްޑީސީން ވަނީ 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓައިފަ އެވެ. އަދި ޑަސްބިނަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އިލްތިމާސްވެސް ކޮށްފަ އެވެ.




