ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ކަނޑުން ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ފ.ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ 5" ދޯނި ދިޔަވެ އަޑިއަށް ދިޔަ މައުލޫމާތު ލިބެގެން، އޭގެން ދަތުރުކުރި ތިން މީހުންނާއި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ފަށައިފައެވެ.
މި މަސައްކަތުގެ އަޕްޑޭޓެއް ދެމުން އެމްއެންޑީއެފުން ދެންމެ ބުނީ، ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން އެ ދޯނީގެ ސަމާނުތަކެއް ކަމަށް ބެލެވޭ ބައެއް ތަކެތި ކަނޑަށް ދޫވެ އޮޔާދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލުނު ދޯންޏާއި އޭގެން ދަތުރުކުރި ތިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެ. pic.twitter.com/g2UVQ2tnqf
— Maldives National Defence Force (@MNDF_Official) January 4, 2022
"އަލަމާ 5" ދޯނި ދިޔަވެ އަޑިއަށް ދިޔަކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި އެ ދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ދިއުމަށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.




