ފެތުނު ދޯނިން ކަނޑުވި ތިން މީހުންގެ ތެރެއިން ދެ ބިދޭސީން ހަންތަކެއްގައި އެލިގެން-- ފޮޓޯ: އެމްއެންޑީއެފް

ދޯނިން ގެއްލުނު ބަންގްލަދޭޝް ދެމީހުން ކަނޑުން ނަގައިފި، ދިވެހި ކައްޕި ނުފެނޭ

"އަލަމާ-5" ދޯނިން ގެއްލުނު ފަޅުވެރިންގެ ތެރެއިން ސަލާމަތުން ހުއްޓާ ފެނުނު 2 މީހުން މިއަދު ހެނދުނު 06:50 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ނަގައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ 22:00 ހާއިރު "އަލަމާ-5" ދޯނީގެ ކައްޕި މީހަކަށް ގުޅާއިފައި ދޯނި އަޑިއަށް ދާކަމުގެ މައުލޫމާތު ވަނީ ދީފައެވެ. އަދި މި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ އެދުވަހުގެ ރޭ 11:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އޭރުންސުރެ ގެއްލުނު ދޯންޏާއި އޭގައި ތިބި ފަޅުވެރިން ހޯދުމުގެ މަސައްކަތް އެމްންއެންޑީއެފުން އައީ ކުރަމުންނެވެ.

ދޯނިން ގެއްލުނު ތިން ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ދެ ބަންގްލަދޭޝް މީހުންނާއި، ދޯނީގައި ހުރި ދިވެހި ކައްޕި އެވެ. އެއީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް (32އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަސަދުލް އިސްމާލް (37އ) އެވެ. ދެން ދޯނީގައި ހުރި ބިދޭސީ މިހާގެ މައުލޫމާތު ހޯދައި، ވެރިފައިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި 3 މީހުންގެ ތެރެއިން ބަންގްލަދޭޝް ދެ މީހުން ކަނޑުމަތީ ސަލާމަތުން ހުރިކަން ރޭގެ ވަގުތެއްގައި ވަނީ އެނގިފައެވެ. ސަލާމަތުން ހުއްޓާ ފެނުނު ދެމީހުން ކަނޑުމަތީގައި ހުރިކަން އެނގުނީ އެތަނުން އެކެއްގެ ފޯނު ނުނިވި އޮތުމާއެކު، ރޭންޖު ލިބޭ ހިސާބަކަށް ދިއުމުގެ ސަބަބުން ފޯނަށް ގުޅޭގޮތް ވުމުންނެވެ. އެމީހުން ތިބީ ދޯނިން ދޫވި ހަންތަކެއްގައި އެލިގެންނެވެ.

ދޯނިން ދަތުރުކުރަމުން ދިޔަ ތިން މީހުންގެ ތެރެއިން ދެ މީހުން: އެ މީހުންގެ ތެރެއިން އާދަމް ޝަފީގް އަދިވެސް ނުފެނޭ --- ފޮޓޯ/ ފުލުހުން

އެމްއެންޑީއެފުން ބުނީ، އެ ދެމީހުންނަށް ގުޅޭ ކަމުގެ މައުލޫމާތު އެންމެ ފުރަތަމަ މެރިޓައިމް ރެސްކިއު ކޯޑިނޭޓަރ ސެންޓަރ (އެމްއާރްއާރްސީ) އަށް ދިނީ ކުންފުނީގެ ފަރާތުން ރޭގެ 22:12 ގައި ކަމަށެވެ. އަދި އެމީހުންނަށް އެމްއާރްސީސީއަށް ގުޅުނީ 22:29 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި މި މީހުން މިއަދު ހެނދުނު 06:50 ހާއިރު ކަނޑުން ސަލާމަތްކޮށް، ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމީހުން ކަނޑުން ނަގައިފައި މިވަނީ ސަލާމަތުން ތިބި ކަމުގެ މައުލޫމާތު ލިބުނުތާ ގާތްގަނޑަކަށް އަށްގަޑިއިރެއްހާ ފަހުންނެވެ.

އެމްއެންޑީއެފުން ބުނީ، މި މީހުން ސަލާމަތުން ކަނޑުމަތީ ތިބި ކަމުގެ މައުލޫމާތު ލިބުނު ކަމުގައި ވިޔަސް، އެމީހުން ހުރި ސަރަހައްދު ލޮކޭޓް ކުރެވިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މީމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަރވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީ.އެމް.އޭ ގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާބޯޓެއްވެސް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

ގެއްލުނު ފަޅުވެރިންގެ ތެރެއިން ދިވެހި މީހާ ފެނިފައިނުވާއިރު، މި މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ