މަޑިވަރު އެއާޕޯޓް ރައީސް ޞޯލިޙް ހުޅުވައިދެއްވައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

15،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޅ.އަތޮޅުގައި ތަރައްޤީކުރި، މަޑިވަރު އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ހުޅުވައިދެއްވައިފިއެވެ.

މި އެއާޕޯޓް ރައީސް ހުޅުވައިދެއްވީ ދާދި ދެންމެ އެ އެއާޕޯޓްގައި ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށް މޯލްޑިވިއަންގެ ފްލައިޓެއްގައި މަޑިވަރަށް ވަޑައިގަތުމުން ރައީސް ޞޯލިހަށް މަރުހަބާ ދެންނެވީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ އިސްވެރިންނާއި ކުރެއްދޫ ހޯލްޑިންގްސްގެ ވެރިންނާ މަޑިވަރު އެއާޕޯޓްގެ އިސްވެރިންނެވެ.

މި ރަސްމިއްޔާތުގައި މަޑިވަރު އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ހުއްދަ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްދެއްވިއިރު، އެއާޕޯޓުގެ ފުރަތަމަ ބޯޑިން ފާސް ރައީސް ޞޯލިހާއި ހަވާލުކޮށްދެއްވީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިއާދުއެވެ. އަދި ކުރެއްދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) ވަނީ ރައީސް ޞޯލިހަށް ހަނދާނީ ފިލައެއް ހަދިޔާކުރައްވާފައެވެ.

މަޑިވަރު އެއާޕޯޓަށް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސާފައިވާއިރު، މަޑިވަރު އެއާޕޯޓަށް އެއްކޮޅަށް ޓިކެޓެއްގެ އަގަކީ 1،029 ރުފިޔާއެވެ. ދެކޮޅު ޓިކެޓްގެ އަގަކީ 2،058 ރުފިޔާ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ޞޯލިޙް ވިދާޅުވީ، މިއަދަކީ ފާދިއްޕޮޅުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މި އެއާޕޯޓް ހުޅުވުމަކީ ޅ. އަތޮޅުގައި ރިސޯޓްތައް ހިންގާ ވިޔަފާރިވެރިންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ފާދިއްޕޮޅަށް ނިސްބަތްވާ ރައްޔިތެއްގެ ހައިސިއްޔަތުން އުފަން ދަރިއެއްގެ ހައިސިއްޔަތުން މިއީ އަޅުގަނޑަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. މިއީ މިއަތޮޅުގެ ރައްޔިތުން އެތައް ދުވަހެއްް ވާންދެން ކުރަމުން އައި އުއްމީދެއް ހަޤީޤަތަކަށް ވެގެންދިޔަ ދުވަސް. އެއްރަށް އަނެއް ރަށާއި ގުޅައި، އެއް އަތޮޅު އަނެއް އަތޮޅާއި ގުޅިގެން ދިއުމަކީ ލާމަރުކަޒީ ނިޒާމުން މިރާއްޖެ ތަރައްޤީކުރުމުގައި އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަންތައް. މިއަދު ކުރެއްދޫ ހޯލްޑިންގްސް ގެ ފަރާތުން މި ކޮށްދެއްވި ކަމަކީ އަޅުގަނޑުމެން ރާއްޖެ ތަރައްޤީކުރުމުގައި ގެންގުޅޭ ސިޔާސަތުގައި ކުރިއަށްދިއުމަށްޓަކައި އަނެއްކާވެސް ކުރިއަށް އެޅުނު ފިޔަވަޅެއް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަޑިވަރުގައި އެއާޕޯޓެއް އެޅުމަކީ މީގެ ގާތްގަނޑަކަށް 16 އަހަރު ކުރިން ދިވެހި ސަރުކާރުން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު މަޑިވަރު ހޯލްޑިންގްސްގެ ނަމުގައި ކުންފުންޏެއް އުފައްދައި މަޑިވަރުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމެވި ނަމަވެސް ސަރުކާރުގެ ސިޔާސަތަށް އޭރު ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ދިގުދެމިގެންގޮސް އެތައް ދުވަހެއް ދޭތުވެގެންދިޔައީ ކަމަށެވެ.

"މި އެއާޕޯޓް ހެދުމަށް ކުރެއްދޫ މޯލްޑިވްސް އާއި ސަރުކާރުން ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެދުތެރޭގައި. އެއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ މެދުތެރެ. އެއަހަރުގެ ފަހުކޮޅުގައި އެ މަސައްކަތް ފައްޓަވައި ވަރަށް ފުރިހަމަޔަށް މި އެއާޕޯޓް މިއަދު މިވަނީ ނިންމާފައި. ކޮވިޑްގެ ދަތި އުނދަގުލުގައި މުޅި ރާއްޖެ ތަހައްމަލުކުރަމުންދިޔައިރުވެސް މިކަމަށް އިސްކަންދެއްވައި ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން މި މަސައްކަތް ކޮށްދެއްވިކަމީ މިއަތޮޅަށާއި މިއަތޮޅުގެ ރައްޔިތުންނަށް ދޭން ބޭނުންވެފައިވާ ޚިދުމަތްތަކަށް އެކުންފުނިން ދީފައިވާ އިސްކަމެއްކަމުގައި އަޅުގަނޑު ދެކެން." ޝުކުރުވެރިކަމާއެކު ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، މަޑިވަރު އެއާޕޯޓް  ނިމިގެން އައީ އެންމެ ފުރިހަމަ އެއާޕޯޓެއްގައި ހުންނަންވާނެ ވަސީލަތްތަކާއެކުގައި ރޭގަނޑާއި ދުވާލު ފްލައިޓް ޖެއްސޭގޮތަށް ކަމަށާއި، އެތަނުން ފެނިގެންދަނީ އެންމެ ފުރިހަމަ ވަސީލަތްތައް ފުރިހަމައަށް ލިބެންހުރިތަން ކަމަށެވެ.

"އެއާޕޯޓް ހިންގުމަށް މިއަދު މިވަނީ އައިލެންޑް އޭވިއޭޝަނާ ހަވާލުކުރެވިފައި. އަޅުގަނޑު އުއްމީދުކުރަނީ ރައްޔިތުން އެދޭވަރުގެ އަދި ރިސޯޓްތަކުން ބޭނުންވާވަރުގެ ޚިދުމަތެއް އައިލެންޑް އޭވިއޭޝަނުން މި އެއާޕޯޓް މެދުވެރިކޮށް ރައްޔިތުންނަށާއި ރިސޯޓްތަކަށް ފޯރުކޮށްދޭނެކަމަށް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މި އެއާޕޯޓުގައި މަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުންވެސް މިހާރު ވަނީ ނަގާފައެވެ. މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް އަހަރަކު 7 މިލިއަން ރުފިޔާގެ އާމްދަނީއެއް އަތޮޅަށް ލިބޭނެ ކަމަށާއި، އެއާޕޯޓްގެ ދަތުރުތައް ފެށުމާއެކު އެކި ގޮތްގޮތުން އިޤްތިޞާދީ ކުރިއެރުންތައް ލިބިގެންދާނެކަމަށް އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިއާދު ވިދާޅުވިއެވެ.

ސިޓީ ހޮޓަލަކާ އެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް