ސަރުކާރުގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބިޒީ ނޫންނަމަ މިއަދު ހުޅުވި މަޑިވަރު އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް މިއަދު ފެއްޓެވީސްކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ފާދިއްޕޮޅުގައި ހުޅުވި ފުރަތަމަ އެއާޕޯޓް ހުޅުވައިދެއްވައި މިއަދު މެންދުރުފަހު މަޑިވަރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މަޑިވަރު އެއާޕޯޓް މިއަދު ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހުޅުވުނު ނަމަވެސް، އެތަން އިންޓަނޭޝަނަލް ކުރުމުގެ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.
"މިއަދު މި އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އޮތްނަމަވެސް، އުއްޗުގެ ވިސްނުމުގައި އޮތީ، އަޅުގަނޑާއި މަޝްވަރާވެސް ކުރެވިފައި އެބައޮތް މިތަން ބޮޑުކޮށް އިންޓަނޭޝަނަލް އެއާޕޯޓަކަށް މިތަން ބަދަލުކުރުން. އެކަމުގެ މަޝްވަރާތައް އެމްޓީސީސީއާ އެކީގައި ކުރެވި، އެހެންނަމަވެސް އަދި އެމްޓީސީސީގެ މަސައްކަތްތައް ގިނަކަމުން ކުޑަކޮށް އެކަން ފަސްޖެހިފައި އޮތީ، އެހެންނޫންނަމަ މިއަދު މިއީ މިތަނުގައި އެމަސައްކަތް ފަށަން ނިންމާފައި އޮތް ދުވަސް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
މި އެއާޕޯޓް ހުޅުވުމާއެކުގައި މާލެއިން އުތުރުގެ ކޮންމެ އއަތޮޅެއްގައި އެއާޕޯޓެއް ހުޅުވިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެމްޑީޕީގެ މެނިފެސްޓޯގައިވެސް އޮތް ފަދައިން 30 މިނިޓުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެވޭ ހިސާބުގައި އެއާޕޯޓްތައް ޤާއުމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަދި އިތުރު ދެ އެއާޕޯޓް ހުޅުވިގެންދާނެ. އެއީ ގދ.ފަރެސްމާތޮޑާ އެއާޕޯޓާއި މ.މުލީ އެއާޕޯޓް. އޭގެ އިތުރުން ހަތް އެއާޕޯޓެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އަދި އަމާޒަކީވެސް ރާއްޖޭގައި ވިޔަފާރިކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ.
"ޤައުމު ތަރައްޤީވެގެން ދާނީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ސަރުކާރާއި، އަމިއްލަ ވިޔަފާރިވެރިން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން. އެހެންވީމާ ސަރުކާރުގެ ސިޔާސަތުތައް މިއަދު ބައްޓަންކުރަމުން މިގެންދަނީ އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ނައްތާލައި، ފަސޭހަ ގޮތްތައް ޤާނޫނާއި ގަވާއިދުގެ ތެރެއިން ހޯދައިދިނުމަށް. މިކަމުގައި އަޅުގަނޑުމެން ކުރިއަަށްދާނެކަމުގެ ޔަޤީންކަން މިތާ މިތިއްބެވި ވިޔަފާރިވެރިންނަށް މިއަދުވެސް އަޅުގަނޑު އަރުވަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.