އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މިއަދުގެ އިންތިހާބުގައި އަސްލަމް ވޯޓު ދެއްވަނީ.- ފޮޓޯ: މިހާރު

އެމްޑީޕީގެ ޕީޖީ އިންތިޚާބު އަސްލަމް ކާމިޔާބުކޮށްފި

ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އިންތިޚާބުކޮށްފިއެވެ.

އަސްލަމް މި މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ، 15 ވޯޓްގެ ތަފާތަކުން ޕީޖީ ގްރޫޕްގެ މިހާރުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ބަލިކުރެއްވުމަށްފަހުއެވެ. މިއަދު މެންދުރުފަހު އެމްޑީޕީގެ އޮފީހުގައި ކުރިއަށްދިޔަ އިންތިޚާބުގައި، 65 މެންބަރުން ތިއްބަވާ ޕީޖީ ގްރޫޕުން އަސްލަމް 40 ވޯޓް ހޯއްދެވިއިރު، ޢަލީ ޢާޡިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

49 ވޯޓާއެކު ޕީޖީ ގްރޫޕްގެ ނައިބަކަށް އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އިންތިޚާބުވެވަޑައިގެންނެވިއިރު، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ އަމީން ޢާއްމުގެ މަޤާމަށް ވާދަކުރެއްވި ހަމައެކަނި މެންބަރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ އިންތިޚާބުވެވަޑައިގެންފައިވަނީ 63 ވޯޓުންނެވެ. އަދި އަމީންޢާއްމުގެ ނައިބަކަށް 35 ވޯޓުން ހޮވިވަޑައިގެންނެވީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިޚާބުގެ ކެމްޕެއިންވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ