މާލެ ސަރަހައްދުގައި ދަތުރުކުރާ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ޑްރައިވަރުން އެދުނު އެދުމަށް ދިވެހި ސަރުކާރުން ޖަވާބެއް ދީފައިނުވާކަމަށްބުނެ، ޓެކްސީ ޑްރައިވަރުން އަމިއްލައަށް ކަނޑައެޅި "ބޮޑު އަގުގައި" މިރޭ ދަތުރުތައް ފަށައިފިއެވެ.
ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން އުފުލިފައިވުމާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ޓެކްސީ ސެންޓަރުތަކުން ސަރުކާރުގައި އެދިފައިވީނަމަވެސް، އެ ހުށަހެޅުމަށް ސަރުކާރުން މިހާތަނަށް ސީދާ ޖަވާބެއް ދީފައި ނުވާތީ ގިނަ ޓެކްސީތަކެއް ބައިވެރިވެ ހިމޭން އިހްތިޖާޖެއްކޮށް، އިއްޔެއިން ފެށިގެން ގިނަ ޓެކްސީތަކަކުން ވަނީ ދަތުރުތައް ހުއްޓާލާފައެވެ.
ޓެކްސީ ޑްރައިވަރުން ސަރުކާރުގައި އެދިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ކުރިން ޓެކްސީ ޑްރައިވަރުންގެ ހުށަހެޅުމަށް ޖަވާބެއް ދެއްވުމަށެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން ޖަވާބެއް ދީފައި ނުވާކަމަށްބުނެ ޓެކްސީތަކުން ވަނީ ޑްރައިވަރުން އަމިއްލައަށް ކަނޑައެޅި "ބޮޑު އަގުތަކުގައި" މިރޭ ދަތުރުތައް ފަށާފައެވެ.
ޓެކްސީ ޑްރައިވަރުންގެ މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ދިވެހި ބައެއް މީޑިއާއަށް ބުނެފައިވާ ގޮތުގައި، ބޮޑުކުރި އަގު ޓެކްސީގައި ދަތުރުކުރާ ފަރާތަށް ފެންނަން ހުންނަންވާނެ ކަމަށާއި، ދަތުރުކުރާންވާނީ އެ އަގަށް އެއްބަސްވާނަމަ ކަމަށެވެ.
މާލޭގެ ބައެއް ޓެކްސީ ސެންޓަރުތަކުން މީޑިއާއަށް ބުނެފައިވަނީ، ބޮޑުކުރި އަގަށް ނޫން ގޮތަކަށް ދަތުރުކުރަން ގިނަ ޓެކްސީ ޑްރައިވަރުން ދެކޮޅު ކަމަށާއި، އެހެންކަމުން މިވަގުތު ދަތުރު ކުރެވޭނީ ބޮޑުކުރި އަގަށް އެއްބަސްވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ޑްރައިވަރުން އަމިއްލައަށް ބޮޑުކުރި ޓެކްސީ އަގުތައް:
- މާލޭގެ އެތެރޭގެ ދަތުރުތައް: 30ރ
- ހުޅުމާލެ ފޭސް 1 އަދި 2 ގެ އެތެރޭގެ ދަތުރުތައް: 25ރ
- މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް: 100ރ
- މާލެއިން އެއާޕޯޓަށް، އެއާޕޯޓުން މާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް، އެއާޕޯޓުން ހުޅުމާލެއަށް: 80ރ
- ހުޅުމާލެ ފޭސް 2 އިން މާލެއަށް، ހުޅުމާލެ ފޭސް 2 އަށް އަދި ހުޅުމާލެ ފޭސް 2 އިން ސީޕްލޭން ޓާމިނަލަށް: 120ރ
- ހުޅުމާލެ ފޭސް 2 އިން ފޭސް 1 އަށް: 40ރ
- މާލެއިން ސީޕްލޭން ޓާމިނަލަށް އަދި ހުޅުމާލެއިން ސީޕްޕްލޭން ޓާމިނަލަށް: 100ރ
- ހުޅުމާލެ ފޭސް 2 އިން އެއާޕޯޓަށް، އެއާޕޯޓުން ހުޅުމާލެ ފޭސް 2 އަށް: 100ރ



