ރާއްޖޭގައި ކޮވިޑްގެ ވައްތަރު ދެނެގަނެވޭގޮތް ހަދައިފި

ރާއްޖޭގައި ކޮވިޑްގެ ވައްތަރު ދެނެގަނެވޭގޮތް ހަދައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެ ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

"ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް ކޮވިޑްގެ ހާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުންދާނެ. ރާއްޖޭގައި ފެތުރެނީ ކޮވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް ގަވާއިދުން ޖެނެޓިކްސް ސީކުއެންސް ޓެސްޓްތައް ކުރެވޭނެ ނިޒާމެއް މިހާރު ވަނީ ރާއްޖޭގައި ޤާއިމުކޮށްފައި." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ބަދަލުތައް ދެނެގަނެ ހާލަތާއި ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

"ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކޮވިޑްގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގައި. އެހެންކަމުން ބަލީގެ ހާލަތު ނުރައްކާތެރިވާފަދަ އާ ބާވަތެއްގެ ވައިރަހެއް އުފެދިއްޖެނަމަ އެކަމަކަށް ރިޢާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަދިނުމުގައި ޢަމަލުކުރާނެގޮތުގެ ނެޝަނަލް ސްޓްރެޓަޖީއާއި އެކްޝަން ޕްލޭން މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ވައްތަރު ދެނެގަނެވޭނެގޮތް ހަމަޖައްސާފައިވާއިރު، ދެ އަހަރު ދުވަހަށްފަހު މިއަދު ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އުވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ