ރިޔާސީ ބަޔާން އިއްވުމާއި ދިމާކޮށް އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަމުންދިޔަ ނޫސްވެރިޔަކަށް އަނިޔާވެ އައި.ސީ.ޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ދެ ނޫސްވެރިޔަކަށް އަނިޔާވެފައިވާއިރު، އެ ދެ ނޫސްވެރިންނަކީވެސް "ޗެނަލް 13" އަށް ނިސްބަތްވާ ދެ ނޫސްވެރިންނެވެ.
އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޗެނަލް 13 ގެ ނޫސްވެރިޔާ ހަސަން ޝަހީދަށް މިވަގުތު ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެ ނޫސްވެރިޔާ އަދިވެސް ހޭ ނާރާ ކަމަށާއި، އެކަމާ އނުހަނު ހިތާމަކުރައްވާ ކަމަށާއި، ފުލުހުންގެ އަމަލުތައް ހުރިގޮތުން ނުހަނު ކަންބޮޑުވާ ކަމަށެވެ.



އިދިކޮޅުގެ މި މުޒާހަރާގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިހާރު ހިނގަމުންދާ މުޒާހަރާއަކީ ރައީސުލްޖުމްހޫރިއްޔާ އިއްވެވެވި ރިޔާސީ ބަޔާނާއި ދިމާކޮށް އިދިކޮޅުން ފެށި މުޒާހަރާއެކެވެ. މަޖިލީހުގެ ބޭރުގައި އެއްބަޔަކު މުޒާހަރާކުރަމުންދިޔައިރު، އިދިކޮޅުގެ މަޖިލިސް މެންބަރުން ވަނީ މަޖިލިސް ތެރެއިން ރިޔާސީ ބަޔާނަށް ހުރަސްއަޅައިފައެވެ. އެއާއެކު ގިނަ އިރުތަކެއްފަހުން ރައީސް ޞޯލިޙްގެ ރިޔާސީ ބަޔާން ފުރިހަމަކުރެއްވީ އިދިކޮޅު މެންބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމަށްފަހުއެވެ.