ދައުރެއްގެ ތެރޭގައި ބިންގަލުން ފަށައި، ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މިއަހަރުވާނެ - ރައީސް ޞޯލިޙް

ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް ޢިމާރާތެއް ނިންމާ، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މިއަހަރު ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރު މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، ބޯހިޔާވަހިކަމުގެ ހައްލު ހޯއްދެވުމުގެ މަސައްކަތް ނިންމަން ސަރުކާރުން ހިފި އަމާޒުގައި އެއްވެސް ކަސިޔާރު ކަމެއް ނެތްކަމަށެވެ.

"ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމައި، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެ. އެ ފްލެޓްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވައިލުމުން، ފްލެޓަށް އެދި ޖުމްލަ 20,697 އެޕްލިކޭޝަން ހުށަހެޅިކަމަށާއި، ގޯތި ހޯދުމަށް 15,164 އެޕްލިކޭޝަން ހުށަހެޅި ކަމަށާއި، މި އެޕްލިކޭޝަންތައް މިހާރު ޕްރޮސެސް ކުރަމުންދާ ކަމަށެވެ.

"މި އަހަރުގެ ޖޫން ނިމުމުގެ ކުރިން، ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް، އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން. މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށްވުރެ، މާލޭ ސަރަޙައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ." ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިންގ ލޯނު ކަމަށާއި، ހުސްވި ޖަނަވަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނުއިރު، އޭގެ 55 އިންސައްތަ ލޯނު މިހާރު އެޕްރޫވް ކުރެވިފައިވާ ކަމަށް އަދި 249 ފަރާތަކާއެކު ލޯނު އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި އިމާރާތް ކުރެވޭ ހައުސިންގ ޔުނިޓުތަކުން 556 ހައުސިންގ ޔުނިޓް، އަންނަ މޭ މަހުގެ ނިޔަލަށް އެއްކޮށް ނިންމޭނެކަމަށާއި، އިތުރު 2200 ހައުސިންގ ޔުނިޓުގެ މަސައްކަތް އަތޮޅުތެރޭގައި ހިނގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ