1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

"މިއީ ތިމާވެށީގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރަން ފުރުސަތު ލިބޭ ފަހު ޖީލަށް ވެދާނެ"

ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، އަޅުގަނޑުމެންނަކީ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގެ ފުރުޞަތު ލިބޭ، އެންމެފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރާއްޖެއަށް ކަމަށާއި، މޫސުމީ ނުރައްކަލުން ރާއްޖެ އަވަހަށް ސަލާމަތްކުރަންޖެހޭ ކަމަށް ފާހަގަކޮށްފައެވެ.

ރައީސް ވިދާޅުވީ، ބައެއްގެ މެދުގައި ޤައުމިއްޔަތެއް ދެމިއޮންނާނީ، އަދި އެ ޤައުމިއްޔަތު ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީވެސް، އެ ޤައުމެއް މި ބިންމަތީގައި ވުޖޫދުވެ އޮވެގެންކަމަށެވެ.

"މި ހިތްގައިމު ރާއްޖެއަށް، ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާމެދު، މިއިން ޒަމާނެއްގައި އަޅުގަނޑުމެން ބިރުނުގަންނަ މިންވަރަށް މިހާރު އެބަ ބިރުގަނޭ. މިއީ ތޯތޯ ވާހަކައެއް ނޫން، މިއީ ޢިލްމީ ޙަޤީޤަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޅި މުޖްތަމައާ ގުޅިފައިވާ މިފަދަ ކަންކަމުން ވެސް ސާބިތުވަނީ، ހުރިހާ ގައުމުތަކެއް އެކުގައި އެއް އާއިލާއެއްގެ ގޮތުގައި އުޅުމުގެ މުހިންމުކަން ކަމަށާއި މިފަދަ ގޮންޖެހުންތަކުން ދޭހަކޮށްދެނީ، ކިތަންމެ ދުރުގައި ކިތަންމެ ވަކިން އޮތަސް، ބައިނަލްއަގުވާމީ މުޖްތަމައާ ވަކިވެގެން އުޅެވެން ނެތްކަން ކަމަށެވެ.

އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން އެދަނީ އިންތިހާއަށް މަތިވަމުން ކަމަށާއި މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކާ ހެދި، އެންމެ ބޮޑެތި ގައުމުތައްވެސް އެކަމާމެދު ގޮތް ހުސްވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވީއިރު، ރާއްޖެ ފަދަ، އަބަދުމެ ކަނޑުގެ ރާޅުތައް ވަށައިގެން ބިންދަމުންދާ ތިރި ޖަޒީރާތަކެއްގެ ކުރިމަގާ މެދު ނިކަން ވިސްނާވަޑައިގަންނަވާ!," ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީޚު ލިޔަމުންދާއިރު، އަޅުގަނޑުމެން މިއަދު ހުއްޓި މި ތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލުސްޓޮޕަކަށް ކަމަށާއި، އެ ފްލުސްޓޮޕްއާއެކު ދިވެހިން ނިމިގެންދާނީތޯ ނުވަތަ ރާއްޖޭގެ ތާރީހު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ ރައީސް ވިދާޅުވިއެވެ. އަދި މިއީ މިޖީލުގެ ދިވެހިން ޖަވާބަކާމެދު ވިސްނަން ޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، އަޅުގަނޑުމެންނަކީ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގެ ފުރުޞަތު ލިބޭ، އެންމެފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއް. މި ޖަޒީރާތައް ނެތި، ދިވެހިރާއްޖެއެއް ނޯންނާނެ. ދިވެހިރާއްޖެ ނެތް ހިނދެއްގައި، ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި، ދިވެހި ޤައުމިއްޔަތެއްވެސް ނޯންނާނެ."

"އެހެންކަމުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެ. ދިވެހިންގެ ދިރިއުޅުމާއި އިގުތިސޯދު ވެސް އެމައްޗަށް ބިނާވެފައިވާ، ރާއްޖޭގެ މާހައުލީ ނިޒާމު، އޭގެ ތަބީއީ ހާލަތަށް އިއާދަކޮށްދިނުމަށް، އާ އަޒުމަކާއެކު އެންމެން އެކުގައި ތެދުވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން," ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ