ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު އަދި ރަނިންމޭޓް ހުސައިން މުޙައްމަދު ލަތީފާ (ސެމްބެ) ތިލަދުންމައްޗަށް ފުރާވަޑައިގެންފިއެވެ.
ކެމްޕެއިން ދަތިރެއްގައި މިއަދު ހެނދުނު ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓް ތިލަދުންމައްޗަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.
މި ދަތުރުފުޅުގައި މުއިއްޒުގެ އަރިހުގައި ކޯލިޝަނުގެ ލީޑަރޝިޕްގެ އިސްސަފުގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހަނިމާދޫއަށް ވަޑައިގަންނަވާއިރު، މިއަދުގެ ވަގުތެއްގައި ނޮޅިވަރަމަށާއި ކުޅުދުއްފުށި ސިޓީއަށް މުއިއްޒު ވަޑައިގަންނަވާނެއެވެ. އަދި މާދަމާ ޓީމު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މަކުނުދޫ، ހޯރަފުށި އަދި އިހަވަންދޫއަށެވެ. ހޯމަ ދުވަހު އުތީމު، ވަށަފަރު އަދި ކެލާގެ އިތުރުން ބާރަށާއި ހއ.ދިއްދޫއަށް މުއިއްޒު ވަޑައިގަންނަވާނެއެވެ.
"މި ދަތުރުގައި ރަށްތަކަށް ވަޑައިގެން އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުއްވައި، ރައްޔިތުންގެ އިހްސާސްތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި [މުއިއްޒު އަދި ސެމްބެ] ޖަވާބު ދެއްވާނެ." މުއިއްޒު އަދި ސެމްބެގެ ތަރުޖަމާނު މުޙައްމަދު ޠޮލާލް ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި މުއިއްޒުގެ ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މިއީ ޕްރޮގްރެސިވް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒާއި ސެމްބެގެ ފުރަތަމަ ކެމްޕޭން ދަތުރުކަން ފާހަގަކޮށްލެވެއެވެ.




