އަލަށް ފާސްކުރާ ބަޖެޓާއެކު އަންނަ ޖެނުއަރީ މަހުން ފެށިގެން މުވައްޒަފުންގެ މުސާރައިން 40 ޕަސެންޓް އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެންވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، އެ އަތޮޅު ތުޅާދޫގައި ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ މުސާރައަށް ގެންނަ ބަދަލާއެކު އެވްރެޖުކޮށް ކޮންމެ މީހެއްގެ މުސާރައިން 40 ޕަސެންޓު އިތުރުވެގެންދާނެ ކަމަށެވެ.
"ޕޭ ހާމަނައިޒޭޝަން ނިންމާނީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްގެން. ސިފައިންނާއި ފުލުހުން. ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން. ކަރެކްޝަންސް ކަސްޓަމްސް އިމިގްރޭޝަން. އިމާމުންނާއި މުދިމުން. ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލުގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނަ ތަން އަންނަ ޖެނުއަރީން ފެށިގެން ފެނިގެންދާނެ," ރައީސް ވިދާޅުވިއެވެ.
މުސާރައަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުގެ އިތުރު ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އިތުރުވާނެ ކަމަށާއި، ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. މިހާރު ލިބޭއިރު، އަލަށް ގެންނަ ބަދަލުތަކާއެކު 16،300ރ. އަށް މުސާރަ ބޮޑުވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިދާރާގައި، 7200ރ. ގެ މުސާރައެއް ލިބޭ މުވައްޒަފުންނަށް، 10،500ރ. އަށް މުސާރަ އިތުރުވާއިރު، ސިވިލް ސާވިސްގެ މިނިސްޓްރީއެއްގެ ޑައިރެކްޓަރަކަށް މުސާރައަކަށް މިހާރު ލިބެނީ 16،000ރ. އެވެ. އެކަމަކު، ރައީސް ވިދާޅުވި ގޮތުގައި، އަންނަ ޖެނުއަރީން ފެށިގެން އެ ރޭންކުގެ މުވައްޒަފުންގެ މުސާރަ 23،200ރ. އަށް ބަދަލުވާނެ ކަމަށެވެ. އަދި ޗީފް އިންސްޕެކްޓަރަކަށް މިހާރު 34،400ރ. ގެ މުސާރައެއް ލިބުނަސް، އާ ބަދަލުތަކާއެކު އެ އަދަދު 48،000ރ. އަށް އިތުރުވާނެކަމަށެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމައިފައިވާކަން ރައީސް އިއުލާން ކޮށްފައިވާއިރު މީގެކުރިންވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައެވެ.