ރައީސް ނަޝީދު އަދި ރައީސް ޔާމިން - ފޮޓޯ: ވީ ނިއުސް

ޔާމީން ޖަލުގައި ހުންނެވީ ޕާޓީގެ ލީޑަރުން އެގޮތް އެދޭތީ - ރައީސް ނަޝީދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީން ޖަލުގައި އެ ހުންނަވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ލީޑަރުންތަކެއް އެގޮތަށް ބޭނުންފުޅުވެލައްވާތީކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫގައި ބޭއްވި އިލްޔާސް ލަބީބްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ދެން އުފެދޭ ސަރުކާރެއްގައި ރައީސް ޔާމީނަށް ދެރަގޮތެއް ވާން ޕީޕީއެމްގެ މެންބަރުންނެއްވެސް ނޭދޭ ކަމަށާއި، މިއަދުވެސް ރައީސް ޔާމީން ޖަލުން ނެރުމަށް ގަޤީޤީ މަސައްކަތްތަކެއް ކޮށްދެވެން އޮތީ އެމަނިކުފާނާއި އެމަނިކުފާނާއެކު ތިއްބެވި ޓީމަށް ކަމަށެވެ. ޔާމީން ޖަލުން ނެރެވޭނީ ޕީޕީއެމަކަށް ނޫން ކަމަށާއި، ޕީޕީއެމަށް އެމަސައްކަތް ކުރެވޭނަމަ ރައީސް ޔާމީން ޖަލުގައެއް ނުހުންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޔާމީން 5 އަހަރު މި ދައުރު އެކީ ޖަލުގައި އެ ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑަރޝިޕްގައި އެ ތިއްބެވި އެތައް ބޭފުޅުންނެއް އެގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީތީވެ. އަޅުގަނޑު ޖަލުގައި ނެތީ ކުޑަ ދުވަސްކޮޅަކު އިނދެފައި ފުރައިގެން ދިޔައީ އެމްޑީޕީގެ މެންބަރުންނަށް އެކަން ކުރާންވެސް އެނގޭތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން ވޯޓުދެއްވަން ތައްޔާރަށް ހުންނެވިކަމަށާއި، ޕީޕީއެމުން ރައީސް ޔާމީނަށް ބޭވަފާތެރިވެފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް އިތުރު އުފާވެރިކަމެއް ލިބެނީ ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން އިލްޔާސް ލަބީބަށް ވޯޓުލާން ތައްޔާރުވަމުން އަންނާތީ. އަޅުގަނޑަށް އެނގޭ އޭގެ ސަބަބު. ވިސްނަވާލައްވާ ބޭވަފާތެރިކަން. ރައީސް ޔާމީނަށް ބޭވަފާތެރިވީމާ، އަދި ދެން އުފެދިދާނެ ސަރުކާރެއްގައި ރައީސް ޔާމީނަށް އެއްވެސް ފަހި ފުރުޞަތެއް ނެތިގެން ދިއުމާއި. މިކަންކަން އެމަގަށްދާތަން ޕީޕީއެމްގެ އެތައް މެންބަރުންނަކަށް އެބަފެނޭ. ޕީޕީއެމްގެ އެތައް މެންބަރުންނަކަށް އެބަފެނޭ އަޅުގަނޑަށް ވީގޮތް ބޮމަކާ ހިސާބުން އައިސް މިއަދާ ހަމައަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް، ރައީސް ނަޝީދު ތަކުރާރުކޮށް އެކި މޭރުމުން ވާހަކަފުޅުދައްކަވަމުން ގެންދަވާއިރު ޕީޕީއެމް އަދި ޕީއެންސީން މިކަމަށް މާބޮޑު ސަމާލުކަމެއް ދެއްވާތަނެއް ނުފެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ