ހއ. ދިއްދޫގައި ބިންހިއްކައި އެއާޕޯޓެއް އަޅައިދީ، ރަށުގެ ހޮސްޕިޓްލްގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރޭ ހއ. ދިއްދޫގައި ބޭއްވި އެ ކޯލީޝަނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ބިން ހިއްކައިގެން އެއާޕޯޓެއް އެޅުމަކީ ދިއްދޫގެ ރައްޔިތުން ނުހަނު އެދި ތިބި ކަމެއް ކަމަށާއި، ބިން ހިއްކުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ގިނަ ރަށްތަކުގައި ކުރި ކަމެއް ކަމަށާއި، ބިން ހިއްކައި ތަރައްޤީގެ ގިނަ ކަންތައްތަކެއް އެރަށްތަކުގެ ރައްޔިތުންނަށް ހާސިލުކޮށްދެވުނު ކަމަށެވެ. އަދި ބިންހިއްކުމުގެ ވަށްޓަފާޅިއާއި ބިން ހިއްކުމަށްޓަކައި ކުރަންޖެހޭނެ ކަންކަމަކީ ފެނި ދަސްވެފައިވާކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މިރަށުގެ ބިންހިއްކައި އެއާޕޯޓެއް އެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދާދި ފަސޭހަކަމެއް. އެކަން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް އަޅުގަނޑުމެން ހާސިލުކޮށްދޭނަން. އެކަމުގެ ޔަޤީންކަން އަޅުގަނޑު މިދެނީ އިޚްލާސްތެރިކަމާއެކުގައި، ތެދުވެރިކަމާއެކުގައި. އެކަމަކީ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދޭނެ އެންމެ މުހިންމު ކަންތައްކަމުގައި އަޅުގަނދަށް ޤަބޫލުކުރެވޭތީ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެއާޕޯޓާއެކުވެސް ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ ކަމަށާއި، ވަޒީފާތަކުގެ ފުރުޞަތު ހޯދައިދިނުމަކީ މުއިއްޒުގެ ސަރުކާރެއްގައި ދެވަނައަށް އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ.
"އެންމެ އިސްކަންދޭ ކަމަކީ ގެދޮރުވެރިކަން. ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ޙައްޤެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލުކުރަނީ. އެހެންވީމާ މިރަށުގެ ރައްޔިތުންނަށް ގެދޮރުއެޅުމުގެ މަޝްރޫއުތަކެއް ފަށާފައިވާކަމުގެ ވާހަކަތަކެއް އިވޭ. އަމިއްލަ ފުދުންތެރިކަން ރައްޔިތުންނަށް ލިބިގެންދިއުމަކީ ސަރުކާރަކަށް ލިބެންޖެހޭނެ އެންމެ އުފާވެރިކަން. ރައްޔިތުންދެކެ ލޯބިވާ ސަރުކާރެއްނަމަ އެންމެ އުފާވާންޖެހޭނީ ރައްޔިތުން ފުދުންތެރިކަމާއެކު އެޅޭތަން ފެނިގެން. އެހެންވީމާ އަޅުގަނޑު މިދަންނަވާ ވާހަކައަކީ ރައްޔިތުންނަށް ވަޒީފާތައް ހޯދައިދިނުމަކީ އަޅުގަނޑުމެން ޝައުގުވެރިކަމާއެކީގައި ހޯދަދޭނެ ޔަޤީންކަމަކޭ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ދިއްދޫ ހޮސްޕިޓަލަށްވެސް ސަމާލުކަން ދެވިފައި ނެތްތަން ފެންނަކަމަށެވެ.
"ޞިއްޙީނިޒާމަކީ ދުޅަހެޔޮ ޞިއްޙަތެއް ބިނާކުރުމަށްޓަކައި ކޮންމެހެންވެސް ވަރުގަދަކުރަންޖެހޭ ދާއިރާއެއް. އަމުދުން މިހާ އާބާދީ ބޮޑު، މުހިންމު ރަށެއްގައި ފާހަގަވެގެންދަނީ އެ މުހިންމުކަން މިރަށުގެ ހޮސްޕިޓަލަށް ދެވިފައި ނެތްތަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ޔަޤީންކަން މިދެނީ މިރަށުގެ ހޮސްޕިޓަލުގެ ފެންވަރު ރަނަގޅުކޮށް، ދެވޭ ޚިދުމަތްތައް އިތުރުކޮށް، ތަރައްޤީކޮށްދޭނެކަމުގެ ޔަޤީންކަން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ދިއްދޫ ހޮސްޕިޓަލް ތަރައްޤީކުރުމުން އޭގެން ފައިދާވަނީ ހަމައެކަނި ދިއްދޫގެ ރައްޔިތުންނަށް ނޫން ކަމަށާއި، ހއ.އަތޮޅުގެ ގިނަ ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އަދި ކައިރި އެހެން އަތޮޅުތަކުންވެސް ޞިއްޙީ ޚިދުމަތް ހޯދަން ދިއްދޫއަށް ޒިޔާރަތް ކުރާ ކަމަށާއި، އެހެންކަމުން ދިއްދޫ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުމުން ޖުމްލަގޮތެއްގައި އެތައް ހާސް ރައްޔިތުންނަކަށް ފައިދާވޭ ކަމަށެވެ.
"މިފަދަ ކަންކަމަކީ ވަރަށް އިސްކަންދީގެން ސަރުކާރަކުން ކޮށްދޭންޖެހޭ ކަންކަން" މުއިއްޒު ވިދާޅުވިއެވެ.