ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރަން މުއިއްޒު ވައުދުވެއްޖެ

ސްކޫލް ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކުރަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި އެ ކޯލިޝަނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ސްކޫލްތަކުގެ ބޮޑު ބަންދު ޑިސެމްބަރ ގައި އޮއްވާ އަހަރުގެ މެދުތެރެއަށް ބަދަލުކުރީ މި ސަރުކާރުން ކަމަށާއި، އެ ބަދަލާއެކު ސްކޫލް ބޮޑު ޗުއްޓީ ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރާ ދިމާވެ، ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެ ބޮޑު ބަންދުގެ ބޭނުން ނުހިފޭ ކަމަށެވެ.

"އެބަދަލުގެ ސަބަބުން އެ ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ ރާއްޖޭގެ ގިނަ ރައްޔިތުންނަކަށް. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ، ދަތުރުފަތުރެއް ނުކުރެވޭ، އޭގެ ސަބަބުން އެ ބަންދުގެ ބޮޑުބައި ގެއްލިގެންދަނީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މޫސުން ގޯސްވުމުގެ އިތުރުން ސްކޫލް ބޮޑު ޗުއްޓީ ޖުލައި 26 (މިވަން ދުވަސް) އާއި ދިމާވުމުން ސްކޫލްތަކުގެ ފަރާތުން ކުޅިވަރުތަކުގައި ބައިވެރިވާ ދަރިވަރުން ތާށިވެ ސްކޫލް ޗުއްޓީގެ ބޮޑުބައެއް ގެއްލިގެންދާ ކަމަށެވެ.

"މިފަދަ އެތައް ކަމެއްވެގެން ވަރަށްގިނަ ބެލެނިވެރިން ވަރަށް ގިނަ އާއިލާތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގައި ތަކުރާރުކޮށް އެ ބަދަލު ގެނައީންސުރެ އެއަންނަނީ ހުށައަޅަމުން. ބޮޑުބަންދު މިއޮތީ ނުބައިކޮށޭ ބަދަލުކޮށްފައި، ކުރީގައި އޮތްގޮތަށް ޑިސެމްބަރ ގައި އޮތިއްޔާ މާ ރަނގަޅޭ." މުއިއްޒު ވިދާޅުވިއެވެ.

ސްކޫލް ބޮޑު ޗުއްޓީއަށް ގެނައި ބަދަލު ވެގެންދިޔައީ ރައްޔިތުން ބޭނުންވިކަހަލަ ބަދަލަކަށް ނޫން ކަމަށާއި، ކަނަ އެހެން ހުރުމާއެކު ސްކޫލް ބޮޑު ޗުއްޓީ އިހު އޮތްގޮތަށް ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަމަށެވެ.

"އެހެންވީމާ މިގެނައި ބަދަލު ވެގެންމިދިޔައީ ރައްޔިތުން ބޭނުންވިކަހަލަ ބަދަލަކަށް ނޫން. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ސްކޫލް ނިޒާމް މިހިނގަނީ މިދެންނެވިގޮތަށް. އެހެންވީމާ ޑިސެމްބަރަށް އަނބުރާ ގެންނަން ވަގުތު ބޭނުންވާނެ. މިހާރު އޮތްގޮތަށް ކުރިއަށްދާއިރުގައި އެ ރޯލްވާ ރޯލްވުން އަނބުރާ ޖެނުއަރީގައި ދިރާސީ އަހަރު ފެށޭގޮތަށް ދެން ކުރެވޭނީ 2025 ގެ ޖެނުއަރީގައި. 2023 މި ނިމެނީ، ދިރާސީ އަހަރު ފެށިފައިވަނީ. ދެން ކަރިކިއުލަމްގެ އެ ނަގަންޖެހޭ ފިލާވަޅުތައް ނަގައިގެން ހަމަކޮށްގެން 2025 ގެ ޖަނަވަރީ އިން ފެށިގެން އަހަރު ކުރީގައި އޮތްގޮތަށް ބަދަލުކުރެވޭނީ. އެހެންވީމާ 2925 ގެ ޖަނަވަރީ އިން ފެށިގެން އަހަރު ފެށޭގޮތަށް ޖަނަވަރީ އިން ފެށިގެން ފެށޭގޮތަށް ހެދީމާ އެ އަހަރުގެ ޑިސެމްބަރ އިން ފެށިގެން ދެން އަނެއްކާވެސް ބޮޑުބަންދު އަންނާނީ ޑިސެމްބަރ އަށް." މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ސްކޫލް ޗުއްޓީ އަހަރު މެދުތެރެއަށް ގެނައީ، ޓޫރިޒަމް ސެކްޓަރގައި އުޅޭ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އަހަރުގެ ފަހުކޮޅުވީމާ ޗުއްޓީނަގައިގެން ބޭރަށްދާން ދަތިވާތީ ކަމަށާއި، އެހެންނަމަވެސް އަހަރު މެދުތެރޭގައި ދިމާވާ ދަތިތައް ހަމަ އެބޭފުޅުންނަށްވެސް ދިމާވާނެ ކަމަށެވެ.

"އެގޮތަށް ބަދަލުކުރީމާ އަނެއްކާވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާވެ ޓޫރިޒަމް ސެކްޓަރުގައި ވަޒީފާގައި އުޅޭ ފަރާތްތަކަށްވެސް ހަމަ އެ ސެކްޓަރުގައި ވިޔަފާރިވެރިންނާއި އެކި އޯނަރުންނާ ވާހަކަދައްކައިގެން އެދެވޭ ހައްލެއް ގެނެވޭނެ ފޯމިއުލާއެއް ނެރެވޭނެ މަޝްވަރާކޮށްގެން. އެހެންވީމާ އެ ފަރާތްތަކަށްވެސް އޭގައި ގެއްލުން ނުވާނެ ފޯމިއުލާއެއް އޭގައި ނެރެވިދާނެ. ނެރެވޭގޮތަށް އެކަން ބަދަލުކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއްކަން އަޅުގަނޑު މިތަނުގައި ހާމަކޮށްލަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރުމުގައި ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ ބަލާތަން ނުފެންނަ ކަމަށާއި. ފެނިގެންދަނީ ދިވެހި ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ކުރާތަން ނޫން ކަމަށެވެ.

"ރައްޔިތުންގެ އިހްސާސަތައް ހުރީ ކިހިނެތްތޯއެއް ނުބަލާ. ރައްޔިތުންނަށް ފަސޭހަވަނީ ކޮންގޮތެއްތޯއެއް ނުބަލާ. ދަތިވަނީ ކޮންކަމެއްތޯ ނުބަލާ ކަންތައްތަކެއް ނިންމަނީ. މަތިން ތިރިއަށް މިއަންނަނީ ތަރައްޤީ، މަތިން ތިރިއަށް ގޮތް ނިންމަނީ، އެހެން ނަމަވެސް ވޯޓް މިލަނީ ތިރިން މައްޗަށް، ރައްޔިތުން ސަރުކާރެއް ހޮވަނީ، އެހެންވީމާ ދެކޮޅު ދިމަލެއް ނުވޭ. ސަރުކާރަކުން ކަންކަން ކުރަންމިޖެހެނީ ރައްޔިތުން އެދެނީ ކޮންކަމެއްތޯ ބަލައިގެންކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ރައްޔިތުންނަށް ފަސޭހަވާ، އުނދަގޫވާ ކަންކަން ބަލައިގެން ކަމަށް." މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ