ސްޓެލްކޯގައި އިލެކްޝަންސް ކޮމިޝަން ހިންގާކަމަށް ޕީޕީއެމުން ތުހުމަތުކޮށްފި

ކަރަންޓު ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި ސްޓެލްކޯގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނެއް ހިންގަމުން އަންނަކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ (ޕީޕީއެމް/ޕީއެންސީ) ރިޔާސީ ކެންޑިޑޭޓް އަދި ރަނިންމޭޓްގެ ތަރުޖަމާނު ޕީޕީއެމްގެ ސެކްރެޓަރަރީ ޖެނެރަލް މުޙައްމަދު ޠޮލާލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޠޮލާލް ވިދާޅުވީ، ސްޓެލްކޯ ތެރޭގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގެ މައުލޫމާތު އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ސްޓެލްކޯގައި ސަރުކާރުން އިލެކްޝަންސް ކޮމިޝަން ހިންގާ ވާހަކަ. ސްޓެލްކޯގައި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް، ސްޓެލްކޯގެ އެމްޑީ އިސްވެހުންނަވައިގެން އެތަނުގައި އިލެކްޝަންސް ކޮމިޝަން ހިންގަވާކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބިގެންގޮސްފައިވަނީ." ޠޮލާލް ވިދާޅުވިއެވެ.

ޠޮލާލް ވިދާޅުވީ، ސްޓެލްކޯ ތެރޭގައި ވޯޓާރަސް ލިސްޓަށް ބަދަލު ގެންނެވުމާއި، އެހެނިހެން ކަންތައްތަކެއް ހިންގަވަމުން ގެންދަވަނީ "ސްޕީރިއަރ" އިލެކްޝަންސް ކޮމިޝަނެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އަދި ދައުލަތުގެ މުވައްޒަފުންނަށް ވަކި ގޮތަކަށް ވޯޓުލުމަށް ބިރުދައްކަމުން ގެންދާކަމަށްވެސް ޠޮލާލް ތުހުމަތުކުރެއްވިއެވެ.

"ހަމައެއާއެކު ސްޓެލްކޯ، ފެނަކަ އަދި އެހެންވެސް ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދެއްކުމާއި އެކިއެކި ކަންކަން ކުރައްވަމުން ގެންދަވާކަމުގެ މަޢުލޫމާތުވެސް ލިބެމުންދޭ. ވަކި ކުލައެއް ދެއްވާފައި މި ވިދާޅުވަނީ ފާހަގަޖަހަންޖެހޭ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ދެ ފާހަގަ ނުވަ ތިން ފާހަގަ ޖަހާށޭ. އަނެކަކު ކައިރީގައި ދެ ފާހަގަ، އަނެކަކު ކައިރީގައި ތިން ފާހަގަ ޖަހާށޭ މިބުނަނީ." ޠޮލާލް ވިދާޅުވިއެވެ.

މިގޮތަށް މިކަން ކުރަމުންދަނީ މުވައްޒަފުންނަށް ބިރުދެއްކުމަށް ކަމަށްވެސް ޠޮލާލް ވިދާޅުވިއެވެ.

"މިއީ ހަމަ ސީދާ ބިރުދެއްކުމުގެ އަމަލެއް. މުވައްޒަފުންނަށް ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއްކަން އަޅުގަނޑު ހަމަ ފާހަގަކޮށް މިކަން ހުއްޓުވަމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއްކަމުގައިވާތީ، ހަމަ އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކޮށް މި އެދެނީ މިކަން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރައްވާށޭ." ޠޮލާލް ވިދާޅުވިއެވެ.

މި ކަންބޮޑުވުންތަކާއެކު ޠޮލާލް ވިދާޅުވީ، ނުފޫޒުތަކުން އެއްކިބާވެފައިވާ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް މުވައްޒަފުންނަށް ބިރުދެއްކުމާއި، ވޯޓާރސް ލިސްޓްގައި ހުރި މައްސަލަތުގެ އިތުރުން ރައީސް ޞޯލިޙްގެ ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވައި އެމްޑީޕީއަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ގޮވާލައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ