އައްޑޫ ސިޓީން ގެއްލިގެން ހޯދަމުންދިޔަ ފުލުހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ޑިއުޓީކުރާ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަގޮތަށް ގެއަށް ނާންނަކަމާއި، އެއްވެސް ހަބަރެއް ނުވާކަމަށް ރޭ 12:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހިތަދޫ ސްވިމިންގ ޓްރެކް ސަރަހައްދު މޫދުން ރޭ މެންދަމު 01:40 ހާއިރު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
" އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވޭ." ފުލުހުން ވިދާޅުވިއެވެ.
އުމުރުން 22 އަހަރުގެ މި ފުލުސް މީހާ ނިޔާވި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްޤީޤު ކުރަމުންނެވެ.



