ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާ ލިބޭގޮތަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، މަޖިލިސް މެންބަރެއްގެ އަސާސީ މުސާރަ 55000ރ އަށް ބަދަލުކޮށް ލިވިން އެލަވަންސްގެ ގޮތުގައި 25000ރ ދިނުމަށެވެ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި މިހާރެކޭވެސް އެއްގޮތަށް އިތުރު 20000ރ ލިބިގެންދާއިރު، އެކު ޖުމްލަ މަޖިލިސް މެންބަރަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 100000ރ ލިބޭނެއެވެ.
ބޮޑުކުރާ މުސާރަ އަންނަ ދައުރުން ފެށިގެން ދިނުމަށް ބައެއް މެންބަރުން ހުށަހެޅިއިރު، ބައެއް މެންބަރުން ވިދާޅުވެފައިވަނީ އެ މަޖިލީހަކުން އަމިއްލައަށް މުސާރަ ބޮޑުކުރުމަކީ ނުރަނގަޅު ޕްރެކްޓިސްއަކަށް ވެދާނެ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ހަތް މަސް ދުވަހު މުސާރަ ބޮޑު ނުކުރަން ފެންނަ ކަމަށެވެ.
ނަމަވެސް ބައެއް މެންބަރުން ވިދާޅުވެފައިވަނީ، ދައުރު ނިމެން ކުޑަތަންވެފައިވަނިކޮށް މުސާރަ ބޮޑުކުރަނީ އަންނަ ދައުރުގެ މެންބަރުންނަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ކޮމިޓީ އެލަވަންސާއެކު ލިބެނީ 80000ރ އެވެ.




