ރައީސް ޑރ. މުޙައްމަދު މުޢިއްޒު, ކެބިނެޓް ބައްދަލުވުމެއްގައި - ފޮޓޯ: ރައީސް އޮފީސް

ރައީސާއި، މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ރައީސާއި، ނައިބު ރައީސް ހިމެނޭހެން މިނިސްޓަރުންގެ ވެސް މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިއަދު ކުރިއަށްދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، ރައީސާއި، ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރައިގެ އިތުރުން، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރަވެސް ބޮޑުކުރުމަށް ނިންމައިފައެވެ. އަދި އޭގެ އިތުރުން މޭޔަރުންނާއި ކައުންސިލަރުންގެ ވެސް މުސާރަވެސް ބޮޑުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ދައުލަތުގެ އިސް މަޤާމުތަކުގެ މުސާރައަށް މާލިއްޔަތު ކޮމިޓީން މި ގެނައި ބަދަލުތަކާއެކު، ރައީސްގެ އަސާސީ މުސާރަ ވަނީ 120،000 ރުފިޔާ އަށް ބޮޑުކުރުމަށް ފާސްކޮށްފައެވެ. މިއީ 20،000 ރުފިޔާގެ އިތުރުވުމެކެވެ.

މީގެ އިތުރުން ނައިބު ރައީސްގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑުވެގެންދާއިރު، މިނިސްޓަރުންގެ މުސާރަ ވަނީ ޖުމްލަ 74،000 ރުފިޔާއަށް ބޮޑުކުރަން ފާސްކޮށްފަ އެވެ.

ރައްޔިތުން މަޖިލިސްގެ މަޤާމުތަކުގެ މުސާރައަށް ބަދަލުގެންނަން ކޮމިޓީން ނިންމާފައިވާ ގޮތަށް ބަލާއިރު، ކޮމިޓީން ފާސްކޮށްފައިވަނީ، މަޖިލިސް މެންބަރެއްގެ އަސާސީ މުސާރަ 55000ރ އަށް ބަދަލުކޮށް ލިވިން އެލަވަންސްގެ ގޮތުގައި 25000ރ ދިނުމަށެވެ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި މިހާރެކޭވެސް އެއްގޮތަށް އިތުރު 20000ރ ލިބިގެންދާއިރު، އެކު ޖުމްލަ މަޖިލިސް މެންބަރަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 100000ރ ލިބޭނެއެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ވަނީ، އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާ، އެމްއެމްއޭގެ ގަވަރުނަރަށް 74،000 ރުފިޔާގެ އިތުރުން އޮޑިޓާ ޖެނެރަލް އާއި ޕްރޮސެކިއުޓަ ޖެނެރަލަށް 74،000 ރުފިޔާގެ މުސާރައެއް ދިނުމަށްވެސް ބައްދަލުވުމުގައި ފާސްކޮށްފަ އެވެ.

މީގެ އިތުރުން، މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން މޭޔަރުންނަށް 46،000 ރުފިޔާ، ޑެޕިއުޓީ މޭޔަރަށް 40،500 ރުފިޔާ، އަދި ސިޓީ ކައުންސިލް މެމްބަރުންނަށް 35،000 ރުފިޔގެ މުސާރައެއް ވަނީ ކޮމިޓީން ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން، އަތޮޅު ކައުންސިލްގެ ރައީސުންނަށް 33،000 ރުފިޔާ، ރަށު ކައުންސިލްގެ ރައީސުންނަށް 25،500 ރުފިޔާގެ މުސާރައެއް ކަނޑައެޅުމަށް ފާސްކޮށްފައިވާއިރު، ރަށު ކައުންސިލްގެ ނައިބުންނަށް 20،000 ރުފިޔާގެ އަދި ރަށު ކައުންސިލަރުންނަށް 18،000 ރުފިޔާ މުސާރައިގެ ގޮތުގައި ބޮޑުކުރުމަށް މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވަނީ ނިއްމަފައެވެ.

ދައުލަތުގެ އިސް މަޤާމުތަކުގެ މުސާރައަށް ގެނައި މި ބަދަލުތައް ފާސްކޮށްފައި ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގަތްތިބި މެންބަރުންގެ އިއްތިފާގުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ