ރައީސް ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

ވެރިންގެ މުސާރަ ބޮޑުކުރަން މަޖިލީހުން ނިންމީ ސަރުކާރާމެދު ނަފުރަތު އުފައްދަން: ތަރުޖަމާނު

ދިވެހި ސަރުކާރުގެ ވެރިންގެ މުސާރަތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ ސަރުކާރަށް ރައްޔިތުން ނަފުރަތު ކުރުވަން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ތަރުޖަމާނު ޝަހީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫންކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށެވެ.

އިތުރަށް ތަރުޖަމާނު ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން، މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ދައުލަތުގެ އިސް މަޤާމުތަކުގެ މުސާރައަށް މާލިއްޔަތު ކޮމިޓީން މި ގެނައި ބަދަލުތަކާއެކު، ރައީސްގެ އަސާސީ މުސާރަ ވަނީ 120،000 ރުފިޔާ އަށް ބޮޑުކުރުމަށް ފާސްކޮށްފައެވެ. މިއީ 20،000 ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން ނައިބު ރައީސްގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑުވެގެންދާއިރު، މިނިސްޓަރުންގެ މުސާރަ ވަނީ ޖުމްލަ 74،000 ރުފިޔާއަށް ބޮޑުކުރަން ފާސްކޮށްފަ އެވެ.

ރައްޔިތުން މަޖިލިސްގެ މަޤާމުތަކުގެ މުސާރައަށް ބަދަލުގެންނަން ކޮމިޓީން ނިންމާފައިވާ ގޮތަށް ބަލާއިރު، ކޮމިޓީން ފާސްކޮށްފައިވަނީ، މަޖިލިސް މެންބަރެއްގެ އަސާސީ މުސާރަ 55000ރ އަށް ބަދަލުކޮށް ލިވިން އެލަވަންސްގެ ގޮތުގައި 25000ރ ދިނުމަށެވެ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި މިހާރެކޭވެސް އެއްގޮތަށް އިތުރު 20000ރ ލިބިގެންދާއިރު، އެކު ޖުމްލަ މަޖިލިސް މެންބަރަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 100000ރ ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު - ފޮޓޯ: ރައީސް އޮފީސް

މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ، އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާ، އެމްއެމްއޭގެ ގަވަރުނަރަށް 74،000 ރުފިޔާގެ އިތުރުން އޮޑިޓާ ޖެނެރަލް އާއި ޕްރޮސެކިއުޓަ ޖެނެރަލަށް 74،000 ރުފިޔާގެ މުސާރައެއް ދިނުމަށްވެސް ބައްދަލުވުމުގައި ފާސްކޮށްފަ އެވެ. ހަމައެއާއެކު، މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން މޭޔަރުންނަށް 46،000 ރުފިޔާ، ޑެޕިއުޓީ މޭޔަރަށް 40،500 ރުފިޔާ، އަދި ސިޓީ ކައުންސިލް މެމްބަރުންނަށް 35،000 ރުފިޔގެ މުސާރައެއް ވަނީ ކޮމިޓީން ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން، އަތޮޅު ކައުންސިލްގެ ރައީސުންނަށް 33،000 ރުފިޔާ، ރަށު ކައުންސިލްގެ ރައީސުންނަށް 25،500 ރުފިޔާގެ މުސާރައެއް ކަނޑައެޅުމަށް ފާސްކޮށްފައިވާއިރު، ރަށު ކައުންސިލްގެ ނައިބުންނަށް 20،000 ރުފިޔާގެ އަދި ރަށު ކައުންސިލަރުންނަށް 18،000 ރުފިޔާ މުސާރައިގެ ގޮތުގައި ބޮޑުކުރުމަށް މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވަނީ ނިއްމަފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ