މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔަކީ ނެދަލޭންޑްސްގެ ރައްޔިތެއްކަމުގައިވާ ސްޓެފަން މަޖިޖްސް އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ، އޭނަގެ ދެ ދަރިންނާއި އަންހެނުންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.
ބޮޑުބެރުގެ ހަރަކާތަކާއެކު މި އާއިލާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު މަރުހަބާ ކިޔާފައިވަނީ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ ފާތިމަތު ތައުފީގު (ކުޑީ) އެވެ.
Honored to welcome Mr. Stefan Mathijs, our 1.8 millionth tourist this year! This marks a significant milestone in our thriving tourism sector. Thank you to our resilient industry and all contributors for shaping our success. pic.twitter.com/IQUu5jCVIw
— Ibrahim Faisal (@ifaisalofficial) December 20, 2023
މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިއަހަރު ފުރަތަމަ ކަނޑައެޅި އަމާޒެވެ.
މި ޝަރަފު ސްޓެފާން އަށް ލިބުނުއިރު، މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރުކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ސްޓެފަން އޭނާގެ އާއިލާއާއެކު ރާއްޖެ އައީ ކ.ހިންމަފުށީގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލާށެވެ.
މި ހާއްސަ ޝަރަފާއެކު ސްޓެފަންއަށް ވަނީ ހިލްޓަން އަމީންގިރި ރިސޯޓުގައި އަންނަ އަހަރު ހަތަރު ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ވެސް ލިބިފައެވެ.
ޓުއުރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން އެގައުމުން މިހާތަނަށް 200،000 އަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެ އަތުވެއްޖެ އެވެ. ދެވަނައަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާއިންނެވެ. އަދި ތިންވަނަ އަށް ޗައިނާއިންނެވެ.