ސ. ގަމުގެ ދެކުނު ފަރާތު މޫދަށް، އިހި ނަގަން ގޮސްއުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ކަނޑުގެ އަޑިން 600 މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝްއެވެ.
ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ އެމްއެންޑީއެފުން ކުރިއަށްގެންދާއިރު، މި ދުވަސްވަރަކީ މޫސުންވެސް ގޯސް ދުވަސްވަރެކެވެ.
އެމްއެންޑީއެފުން ބުނީ، މި ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާކަމަށެވެ.
ނައީޝް ގެއްލިފައިވާ ސަރަހައްދަކީ އެތަނުގައި އޮންނަ ބާރު އޮޔަވަރުގެ ސަބަބުން މީގެ ކުރިންވެސް މީހުން ގެއްލިފައިވާ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.




