ރައްޔިތުން މަޖިލީހުގެ 13 މެމްބަރަކު ވެރިކަން ކުރާ ޕާޓީ މައި ޕާޓީ ޕީއެންސީއަށް މިރޭ ސޮއިކޮށްފި އެވެ.
މި މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތީ މިރޭ ދަރުބާރުގައި ކުރިއަށްދިޔަ ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައްޔިތުން މަޖިލީހުގެ މި 13 މެމްބަރުން މިރޭ ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު، މަޖިލީހުގައި ހިމެނޭ ޕީޕީއެމް/ޕީޕީއެމް ކޮންގްރެސް ކޯލިޝަންގެ މެމްބަރުންގެ އަދަދު 17 އަށް އިތުރުވާނެއެވެ.
މިރޭ ޕީއެންސީއާ ގުޅުނު 13 މެމްބަރުންގެ ތެރެއިން 12 މެމްބަރުންނަކީ މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތް އެމްޑީޕީގައި ތިއްބެވި މެމްބަރުންނެވެ.
ސަރުކާރުގެ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންނެވި މަޖިލީހުގެ މެމްބަރުންނަކީ:
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
- ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް
- އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
- ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުލްގަނީ
- މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
- މުލަކު ދާއިރާގެ މެންބަރު އަހުމަދު ނަސީރު
- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނ
- މާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒު
މި ބަދަލާއެކު މިހާރު މިވަނީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެމްބަރުންގެ އަދަދު 44 އަށް ވެއްޓި، މަޖިލީހުގެ ސުޕަމެޖޯރިޓީ އެ ޕާޓީއަށް ގެއްލިފައެވެ. އަދި މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ މި ވަނީ ވެފައެވެ.