ފުވައްމުލަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިންދުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ/ ފޮޓޯ: އެމްއެންޑީއެފް

ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގައި ފެންބޮޑުވެއްޖެ

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވެއްޖެއެވެ.

މުޅި ރާއްޖެއަށް ކުރިއަށް 4 ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ދެކުނަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާއިރު، ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދުވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

ފުވައްމުލަކުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން މިއަދު ވަނީ އެ ސިޓީގެ ބައެއް ގެތަކަށް ފެންގަނޑު ވަދެފައެވެ.

ފުވައްމުލަކު ސިޓީއަށް ކުރަމުންދާ ވިއްސާރަ / ފޮޓޯ: އެމްއެންޑީއެފް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެގޮތުން 15 ގެއަކަށް ފެން ވަދެފައިވާ ކަމަށް ވިދާޅުވިއެވެ.

ފެންގަނޑު ހިންދުމުގެ މަސައްކަތާއި، ގެތަކަށް ފެންވަނުން ހުއްޓުމަށް ފުވައްމަލު ސިޓީގައި މިއަދު ވަނީ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެފައެވެ.

ފުވައްމުލަކު ސިޓީއަށް ކުރަމުންދާ ވިއްސާރަ، ފުލުހުންނާއި ރައްޔިތުން ފެން ހިންދުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި / ފޮޓޯ: ޕޮލިސް

އެމްއެންޑީއެފުން ވިދާޅުވީ، ފެން ބޮޑުވުމާ ގުޅިގެން މަގުތަކުން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ފަށައިފައިވާ ކަމަށެވެ.

ފުލުހުން ވެސް ވިދާޅުވީ، އެ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ގެތަކަށް ފެން ވަދެ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ ރަށު ރައްޔިތުންނާއި ގުޅިގެން ފެން ހިދުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިއަދު ކޮށްފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ