މޫސުމާއި ބެހޭ ޤައުމީ އިދާރާގެ އަވަސް އިންޒާރުދޭ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ފަށައިފި

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ އަވަސް އިންޒާރުގެ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން "ތައްޔާރު" ގެ ނަމުގައި ހާއްސަ މަޝްރޫއެއް މިއަދު ފަށައިފިއެވެ.

މިމަޝްރޫއު ފައްޓަވައިދެއްވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމެވެ. މި މަޝްރޫއަކީ ޔޫއެންޑީޕީ މޯލްޑިވްސް އަދި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ރާއްޖޭގައި ދިމާވެދާނެ ޤުދުރަތީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފެށި މި މަޝްރޫއުގެ ދަށުން ޓެކްނިކަލް ޤާބިލުކަން އިތުރުކޮށް، މޫސުމާ ގުޅޭ ޑޭޓާ އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ހަމަޖެހިފައި ވެއެވެ.

އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫސުމާ ގުޅޭ މައުލޫމާތު އެއްކުރާ މަރުކަޒުތައް ޤާއިމް ކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ރާވާފައި ވެއެވެ.

މިމަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ތައްޔާރު މަޝްރޫއަކީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބު މޫސުމާ ގުޅޭ މުހިންމު މައުލޫމާތު އަވަހަށް ލިބި، އެކަމަށް ތައްޔާރުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.

ޔޫއެންޑީޕީ މޯލްޑިވްސްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ވިދާޅުވީ މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ