ޕާކިސްތާނުގެ އާންމު އިންތިހާބުން ކުރީގައި އިމްރާން ހާނުގެ ކެންޑިޑޭޓުން

ޖަލަށް ލެވިފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ތާއީދުކުރާ ކެންޑިޑޭޓުން އެގައުމުގެ އާންމު އިންތިހާބުން ކުރިހޯދައިފިއެވެ.

ބައިނަލްއަގްވާމީ ނޫސް އެޖެންސީތަކުން ރިޕޯޓުކުރާ ގޮތުގައި ޕާކިސްތާނުގެ ނިމިދިޔަ އާންމު އިންތިހާބުން އިމްރާން ހާނަށް ތާއީދުކުރާ 93 ކެންޑިޑޭޓުންވަނީ ވާދަކުރި ގޮނޑި ކާމިޔާބު ކޮށްފައެވެ. އަސްކަރިއްޔާގެ ތާއީދާއެކު ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ޕާޓީއިން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރެވިފައިވަނީ 75 ކެންޑިޑޭޓުންނަށެވެ.

ސަރުކާރެއް ގާއިމުކުރުމަށް ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީގެ މަދުވެގެން 169 ގޮނޑި ކާމިޔާބު ކުރަން ޖެހެއެވެ. މި އަދަދު އެއްވެސް ޕާޓީއަކަށް ނިމިދިޔަ އާންމު އިންތިހާބުން ކާމިޔާބު ކުރެވިފައި ނުވާތީވެ ސަރުކާރެއް އެކުލަވާލުމަށް ކޯލިޝަން ހަދަން ޖެހެއެވެ.

ނަވާޒް ޝަރީފް އަދި އިމްރާން ހާން ނިސްބަތްވާ ޕާޓީއިންވެސްވަނީ ސަރުކާރު އެކުލަވާލުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިކަމަށްޓަކައި ކުދި ޕާޓީތަކާއި ނުވަތަ މިނިވަން ކެންޑިޑޭޓުންނާއި މި ދެޕާޓީންވެސް ކޯލިޝަން ހަދަން ޖެހެއެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ޕާޓީއަކުން ކޯލިޝަންގެ ރަސްމީ ވާހަކަތައް ފަށައިފައެއް ނުވެއެވެ.

އާންމު އިންތިހާބުން ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ބިލާވަލް ބުއްޓޫގެ ޕީ.ޕީ.ޕީ އިން ބުނެފައިވަނީ އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް އަދި ރަސްމީގޮތުން ވާހަކަ ދައްކައިފައި ނުވާނެ ކަމަށެވެ. ނަވާޒް ޝަރީފުގެ ޕީ.އެމް.އެލް.އިން ބުނެފައިވަނީ ބުއްޓޫގެ ބައްޕަ ނަވާޒް ޝަރީފުގެ ބޭބެއާއެކު ލާހޫރުގައި ނުރަސްމީ ވާހަކަތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޕާކިސްތާން ނެޝަނަލް އެސެމްބްލީގައި ހިމެނެނީ ޖުމްލަ 366 މެމްބަރުންނެވެ. މީގެތެރެއިން 266 މެމްބަރުން ހޮވަނީ ސީދާ ރައްޔިތުންގެ ވޯޓުންނެވެ. ބާކީ 70 މެމްބަރުން އިންތިހާބުކުރަނީ ނެޝަނަލް އެސެމްބްލީގައި ޕާޓީތަކުގެ ހައިސިއްޔަތަށް ބިނާކޮށެވެ. މި 70 މެމްބަރުންގެ ތެރެއިން 60 މެންބަރުން ވާންޖެހެނީ އަންހެނުންނަށެވެ. އަދި 10 މެމްބަރުން ވާންޖެހެނީ ގައިރުމުސްލިމުންނަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ