ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަނީ ފުރާވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ދަތުރުފުޅަކީ މި މަހުގެ 16 އިން 20 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އިތުރުން ހަތަރު މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް އެވެ.

މަޖިލީހުގެ އިދާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.

ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ޒަމާންވީ ގުޅުމެއް އޮތް އިރު، މި ދަތުރުފުޅަކީ ދެ ގައުމުގެ ޕާލަމެންޓަރީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ވެސް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ