މެއި 1 އިން ފެށިގެން ބެންކް އޮފް މޯލްޑިވްސް އިން މަސްވެރިންނަށް ފައިނޭންސް ދޫކުރަން ފަށާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން ބުނެފައިވަނީ މެއި 1 އިން ފެށިގެން ބީއެމްއެލް އިން މަސްވެރިންނަށް ދޫކުރާ ފެސިލިޓީއާއިއެކު ލޯނަށް ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބެހެއްޓުމަކާނުލާ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބޭނެ ކަމަށެވެ.
އަދި އިންޓަނެޓް އަދި މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް މި ލޯނުތަކަށް ހުށައެޅޭނެ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
ޕާސަނަލް ފައިނޭންސިންގެ ދަށުން ނަގާ ލޯނުތައް 10،000 ފެށިގެން 300،000 ރުފިޔާއާއި ހަަމައަށް ލޯނު ދޫކުރާނެއެވެ. އަދި ފައިނޭންސިންގެ މުއްދަތަކީ 5 އަހަރު ކަމަށާއި، ފައިނޭންސިންގ އަށް އެއްވެސް އިކިއުޓީއެއް އަދި ސެކިޔުރިޓީ އެއް ބޭނުމެއްނުވާނެ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
މަސްވެރިންގެ ދަފްތަރެއް އެކުލަވައިލާ މަސްވެެރިންނަށް ބީއެމްއެލްއިން ފައިނޭންސް ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.