ބީއެމްއެލް މެދުވެރިކޮށް 49 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 49 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކުރައްވާފައެވެ. މި ސަރުކާރުން ވަނީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ފަށާފައެވެ.

މި މަސައްކަތުގެ ދަށުން، ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. މި ދަފްތަރުގެ އެންމެ މުހިންމު އެއް ބޭނުމަކީ މީގެކުރިން މަސްވެރިންނަށް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އަދި މަސްވެރިންނަކީ އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްފަދައިން ދައުލަތް ދަންނަ، ފަސޭހައިން ލޯނާއި އެނޫންވެސް ޚިދުމަތްތައް ލިބޭނެ ބަޔަކަށް ހެދުމެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، ބީއެމްއެލް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ވުޒާރާއިން ވިދާޅުވީ، މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 49 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މިހާރު ވަނީ އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުޞަތު ފަހިވެފައެވެ. މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާއާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގޭނެއެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ވަނީ ހަމަޖައްސާދީފައެވެ. މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ