ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ ދުވެލި ބާރުވުމުގެ ފަހަތުގައި ވަނީ މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިޚްލާސްތެރި ބުރަ މަސައްކަތް ކަމަށް މަތީތައުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޑރ ހައިދަރު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައެވެ.
ވަޒީރު ހައިދަރުގެ ޚިޠާބުގައި ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ ދުވެލި ބާރުވުމުގެ ފަހަތުގައި ވަނީ މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިްލާސްތެރި ބުރަ މަސައްކަތްކަމަށެވެ. އަދި މުޖްތަމަޢު ކުރިއަރުވައި ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމުގެ އާރްކާޓީއިންނަކީ މަސައްކަތްތެރިން ކަމަށްވެސް ވަޒީރު ހައިދަރު ވިދާޅުވިއެވެ.
މިއަހަރު މަސްކަތްތެރިންގެ ދުވަހުގެ ޝިޢާރެއް ކަމަށް ކަނޑައަޅާފައި ވަނީ ރިވެލިއުޝަނަލައިޒިން ސްކިލްސް އެންޑް ޓްރެއިނިން ބިލްޑިން ރިޒިލިއަން މޯލްޑިވްސް ވޯކްފޯސް ފޯ އިންކްލޫސިވް އިކޮނަމިކް ގްރޫޕް ކަަމަށާއި މި ޝިޢާރުން ހާމަކޮށްދެނީ ކޮންމެ ދިވެއްސަކަށް ވެސް މަސައްކަތުގެ މައިދާނުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރާއި ވަޞީލަތްތަކާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.
އެގޮތުން އެންމެނަށް ވަޒީފާ، މި ސިޔާސަތުގެ ދަށުން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ފުޅާ ދާއިރާއެއްގައި އެވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް ވަޒީރުގެ ޙިޠާބުގައި ވިދާޅުވިއެވެ.
އެގޮތުން 2،000 އަށްވުރެ ގިނަ ދިވެހިންނަށް ހުނަރު ދަސްކޮށްދިނުމާއި 300 ޒުވާނުންނަށް ހާއްސަ ތަމްރީން ދިނުމާއި ނެޝަނަލް ކެރިއާ ސާވިސް މެދުވެރިކޮށް ވަޒީފާއާއި ގުޅޭ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނޭ ކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ. އެ ހުރިހާ މަސައްކަތަކީ އަންނަން އޮތް ޖީލްތަަކަށް އުޖާލާ މުސްތަޤްބަލެއް ބިނާ ކުރުމަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.



