މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވެ، ތަޢުލީމީ ވުޒާރާއިން ސްކޮލަރޝިޕް ލިބޭކަމުގެ ލިޔުން ދޫކޮށްފައިވާ ދަރިވަރުންނަށެވެ.
ރައީސްގެ ޚާއްސަ ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނުން ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ ސްޓަރ" ހޯދާފައިވުމާއެކު، އޯ ލެވެލް އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށެވެ. އަދި ހައި އެޗީވާސް ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ 5 މާއްދާއިން "އޭ" ގްރޭޑް ހޯދާފައިވާ ދަރިވަރުންނަށެވެ.
ހައި އެޗީވާސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ކިޔެވޭނީ ރާއްޖެއަށް އެންމެ ބޭނުންވާކަމަށް ވުޒާރާއިން ކަނޑައަޅާފައިވާ ދާއިރާތަކުންނެވެ. ނަމަވެސް ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު އިޚްތިޔާރުކުރާ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ ދިވެހި ސަރުކާރުންނެވެ. އަދި ސްކޮލަރޝިޕަށް އެދި ހުށަހަޅަން ބޭނުންވާ ދަރިވަރުންނަށް 'މައިއެޑިއު' ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.




