ފަނޑިޔާރު އަޒމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރުގެ މައްސަލާގައި ގޮތް ނިންމުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
މި މައްސަލައަކީ އެދެފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލައިފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީއިން ނިންމި ނިންމުމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ސުލޫކީ މައްސަލައެއްގައެވެ.
މާދަމާގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށްފައިވާއިރު މި މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އިއްވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މެއި 11 ގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒު މަޤާމުން ވަކިކުރުމަށް ވަނީ ފާސްކޮށްފައެވެ.
މި ނިންމުން ނިންމާފައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ޖޭއެސްސީން މި މައްސަލަ ތަހުޤީޤުކޮށް، ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައިވާ ރިޕޯޓު ޖުޑީޝަރީ ކޮމިޓީމިޓީން ވަނީ ރަނގަޅު ކަމަށް ނިންމާފައެވެ.
އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލަ މިހާހިސާބަށް ގޮސްފައި އޮތުމުން މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ.