މިސަރުކާރުން ފަށައިފައިވާ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ނާސަރީ ހިންގުމަށް ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނަށް ހަވާލުކޮށްފިއެވެ.
މި ނާސަރީ އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅާ ޒަމާނީ ނާސަރީއެކެވެ.މިނާސަރީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު 1 ވަޢުދު ކަމަށްވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ތަރައްޤީކުރާ ނާސަރީއެކެވެ.
މިކަމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލްއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެއް އެޅުމަށް ޑިޒައިންކުރުމުގެ މަރުހަލާ މިހާރު ނިންމާފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެވުޒާރާއިން ވިދާޅުވީ މިނާސަރީގައި ލެބޯރެޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެކަމަށެވެ. މި ނާސަރީން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްދަތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދަމުން ދާނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.



