ގުގުރުމާއެކު ބޯކޮޑް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހަތަރު އަތޮޅަކަށް މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފިއެވެ .
މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފައި ވަނީ، ކ އަތޮޅާއި، ވ. އަތޮޅާއި، އއ. އަތޮޅާއި އަދި އދ. އަތޮޅަށެވެ. މި ސަރަހައްދުތަކަށް އޮރެންޖް އެލާޓް ނެރެފައި ވަނީ މިއަދު 17:30 އާއި ހަމައަށެވެ. އޮރެންޖް އެލާޓަކީ، ރީނދޫ އެލާޓަށް ފަހު، ދެވަނައަށް އެންމެ ނުރައްކާ އިންޒާރެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. އަދި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލުވެސް ވަނީ މެޓް އޮފީހުން ނެރެފައެވެ.
މާލެއަށް ރެއިން ފެށިގެން ވިއްސާކުރަމުންދާއިރު، ގިނަ އިރުތަކެއް ވަންދެން ހުއްޓާނުލާ މިއަދު ހެނދުނުން ފެށިގެން މާލެއަށް ވާރޭ ވެހުމުގެ ސަބަބުން މުޅި މާލޭގައި ވެސް މިހާރު ވަނީ ފެންބޮޑުވެފައެވެ.
މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު ވަނީ ފަށައިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި އުނދަގޫތައް ލުއި ކޮށްދެވޭތޯ ދިވެހި ސިފައިން ރާއްޖޭގެ ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އެބަދޭ@mndf_official pic.twitter.com/abFfj1ZU9M
— Ministry of Defence (@MoDmv) December 31, 2023
މާލެ ސަރަހައްދުގެ އިތުރުން، މިއަދު ކުރަމުންދާ ވިއްސާރައިގައި، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. ގަން، ލ. ފޮނަދޫގެ އިތުރުން ސ. މަރަދޫގައިވެސް ފެންބޮޑުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޭޖެންސީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ގެތަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އެ އޭޖެންސީ އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، މިއަދު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަތޮޅުތަކުގެ ޙާލަތު ގާތުން ބައްލަވައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރިއަށް އެބަދެއެވެ.
އެމްއެންޑީއެފުން ހާމަކުރިގޮތުގައި މިއަދު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެންހެދިފައިވަނީ ކ އަތޮޅުގެ ރަށްތަކުގައެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން، ކާށިދޫ، ގާފަރު، ދިއްފުށި، ހިއްމަފުށި، މާފުށި، ގުރައިދޫ، ގުޅި، އަދި ތުލުސްދޫގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ރަށްތަކުގެ ގެތަކަށް ފެންވަދެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
މިއަދު ކުރި ވިއްސާރައިގައި ފެންބޮޑުވި ރަށްތަކުގެ ތެރެއިން، އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ، ކ. ގުރައިދޫ އަށެވެ. އެގޮތުން ގުރައިދޫގެ 20 ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރިއެވެ.
ފެންބޮޑުވެފައިވާ ރަށްތަކުގެ މަގުތަކުން ޕަންޕު ޖައްސައިގެންނާއި، އަދި ގޭގެއަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުންއެބަދެއެވެ.
#Update : Kaaf guraidhoo gai fen hikkumuge masahkaih fashaifi pic.twitter.com/TuxQOY4wkI
— Ministry of Defence (@MoDmv) December 31, 2023
އެމްއެންޑީއެފުން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގައި ރައްޔިތުންނަށް އެހީތެރިވުމަށް ޤައުމީ ފެންވަރުގައި ހުރިހާ އޭރިއާ ކޮމާންޑެއްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
"މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެހީތެރިވުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ އެންގެވުމަށް ޤައުމީ ފެންވަރުގައި ހުރިހާ އޭރިއާ ކޮމާންޑެއްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި" އެމްއެންޑީއެފުން ވިދާޅުވިއެވެ.