ކާޑެއްދޫ އެއަރޕޯޓަށް ކުރިމަތިވެފައިވާ ހުވަނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އެހީތެރިކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކާޑެއްދޫ އެއަރޕޯޓުގައި ހުވަނި ގިނަވެ، އެކަމުގެ ކަންބޮޑުވުންތައް އެ ވުޒާރާގެ ސަމާލުކަމަށް އައުމާއެކު، ހުވަނި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ ވުޒާރާއިން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ، ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލުކުރުމަށް އެހީއަށް އެދި އެ ވުޒާރާއަށް ކާޑެއްދޫ އެއަރޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއްވެސް ލިބިފައިނުވާކަމަށާއި، އެކަން އެ ވުޒާރާގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގެ ޒަރީއާއިންކަމަށެވެ.
"މި މައްސަލަ އަޅުގަނޑުމެންގެ ސަމާލުކަމަށް އައުމާއެކު، ވުޒާރާގެ ކަމާއި ގުޅުންހުރި އިދާރާއިން ކާޑެއްދޫ އެއަރޕޯޓުގައި މީގެކުރިން މިފަދަ ކަންކަމުގައި އަމަލުކުރަމުންދިޔަ ގޮތް އޮޅުންފިލުވާ، އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މައުލޫމާތު ދެއްވާފައި. އަދި ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މަޢުލޫމާތު ކަރުދާސްވެސް އެއަރޕޯޓާއި ހިއްސާކޮށްފައިވާނެ،" އެ ވުޒާރާގެ ބަޔާނުގައި ވެއެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް ފާހަގަކުރައްވާފައިވާއިރު، އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދަނޑުވެރިކަމާބެހޭ ވުޒާރާއިން ފޯރުކޮށްދޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލްކުރުމަށް އެރަށެއް ބަލަހައްޓާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންމު ކަމަށާއި، މިފަދަ ފަރާތްތަކަށްވެސް ބޭނުންވާ ފަންނީ އެހީތެރިކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.



